2000 ބަސްތާ ހިލަވެލި ބަރުކޮށްގެން މާލެއިން ނ. ކެނދިކުޅުދުއަށް ދަތުރުކުރަމުން ދިޔާ "ކީސާ" ނަމަކަށް ކިޔާ މުސާ އުފުލާ ބޮތަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

އެމްއެންޑީއެފުން ބުނީ، 87 ފޫޓުގެ އެ މުދާ އުފުލާ ބޯޓު ދަތުރު ކުރަމުންދިޔައީ ރޭގެ ވަގުތެއްގައި ކަމަށާއި އޭރު އެ ބޯޓުގައި 5 ފަޅުވެރިން ތިބި އިރު، އެ ބޯތަށް ވަނީ 2000 ބަސްތާގެ ހިލަވެލި ބަރުކޮށްފައި ކަމަށެވެ. އެ ބޯޓު ދިޔަވާން ފެށީ ޅ. ފެލިވަރު ކައިރީގައި އޮއްވައި އުޅަނދުގެ އަޑިން އަކަފޫޓެއްހާ ތަން ފަޅައިގެން ގޮސްގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 10:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބާ ކްރާފްޓް 116" ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެގޮތުން ކޯސްޓްގާޑުގެ ޑައިވަރުން އެ ބޯޓު ކައިރިއަށް ފައިބައި، އުޅަނދުން ފަޅައިގެން ގޮސްފައިވާ ތަން ބައްދައި ދީފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދިޔަވަމުން ދަނިކޮށް ސިފައިން އެހީތެރިކަން ފޮރުކޮށް ދިން މުދާ އުފުލާ ބޯޓު ކީސާ

އޭގެ އިތުރުން، އެ އުޅަނދުން ދިޔަހިއްކުމުގެ މަސައްކަތް ކުރުމަށްފަހު، އެ އުޅަނދު މިހާރު ވަނީ ޅ. ފެލިވަރު ބަނދަރަށް ވަދެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުމީ ވިއްސާރަ ކުރަމުން އަންނަ މި ދުވަސްވަރު ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ރޭގެ ވަގުތެއްގައި މުދާ އުފުލާ ބޮތެއް ފަޅައިގެން ގޮސް ދިޔަވެފައިވާ އިރު އިއްޔެ ވަގުތެއްގައި ސަފާރިއެއް ވެސް ވަނީ ދިޔަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށް ދީފައެވެ. ސާފާޜީ ދިޔަވި ހާދިސާގައި ވެސް އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.