ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރިމަތިލުންތައް ހިނގާ، ހަނގުރާމައިގެ މައިދާނަކަށް ވެފައި ވަނީ އިޒްރޭލް އުފެއްދި ގޮތަށް މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އުފައްދާފައި ނުވުން ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ދާ އިޒްރޭލް – ހަމާސް ހަމަނުޖެހުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، 1947 ގައި ދެ ދައުލަތް ގާއިމު ކުރުމަށް އެއްބަސް ވެވުނު ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް 1948 ގައި ދައުލަތެއްގެ ގޮތުގައި އިޒްރޭލް އުފެއްދި ކަމަށެވެ. ނަމަވެސް އެއިރުން ސުރެ މިއަދާ ޖެހެންދެންވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން އުފައްދާފައި ނުވާ ކަމަށާއި މިހާރުވެސް މައްސަލަތައް ހައްލު ނުވެ ކުރިއަށް ދާ ސަަބަބަކީ އެއީ ކަމަށެވެ.
ފަލަސްތީންގެ ބިން ދެބައި ކޮށް ޔަހޫދީންނަށް ދައުލަތެއް އަދި މުސްލިމުންނަށް ދައުލަތެއް ހަދަން އދ ގެ އާންމު މަޖިލީހުން އެއްބަސްވެ ނިންމީ 1947 ގައެވެ. ޔަހޫދީ ދައުލަތް އުފެއްދުމަށް ފަހު ޖެހިގެން އައި މަޖިލީސް ތަކުގައި ފަލަސްތީނުގެ ދައުލަތް އުފެއްދުމާ ދެކޮޅު ހަދާ، ވީޓޯ ކުރުމުގެ ބާރު އޮތް އެމެރިކާފަދަ ގައުމުތަކުން ވަނީ ހުއްޖަތްތައް ދައްކާފައެވެ. އަދި އިޒްރޭލަށް މަދަދު ދީ، ހަތިޔާރާއި އެނޫންވެސް ވަސީލަތްތައް ފުރިހަމަ ކޮށްދީ، އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އިޒްރޭލަށް ދެމުން ގެންދިޔުން ވެގެން ދިޔައީ، އެމީހުންގެ ބާރާއި ހަންފެތުރުން ފަލަސްތީނުގެ މައްޗަށް ފެށިގެން އައި ސަބަބަކަށެވެ. މަޑުމަޑުން ރޭވިގެން ފަލަސްތީނުގެ ބިންތައް ހިފަމުން ހިފަމުން ގޮސް 1967 ގައި އިން ވަކިކުރި ސަރަހައްދުވެސް މިއަދު އިޒްރޭލުން ވަނީ ހިފާފައެވެ. އެގޮތުން ޖަރޫސަލަމާއި ހުޅަނގު އައްސޭރީން ބަޔަކާއި ގާޒާގެ ބައެެއްވެސް ވަނީ އަތްދަށުލާފައެވެ. އަދި އެތަންތާނގައި ޔަހޫދީން ވަޒަންވެރި ކުރުވާ، ފެންސު ޖަހާ ވަކި ކޮށް، އަސްކަރީ ބާރުތައް ގާއިމުކޮށް ދަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.
ޕުޓިން ވިދާޅުވީ، މިހާރު އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ސީރިއަސް މައްސަލަތައް ކުރިމަތިވާނެ ކަމަށާއި، އެގޮތުން ހަކަތައިގެ ސިނާއަތަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަމަށެވެ.
"ތެޔޮ އުފައްދާ މިންވަރު މަދެއް ނުވާނެ، ނަމަވެސް ލޮޖިސްޓިކްސް އާއި އިންޝުއަރޭންސް މައްސަލަތައް ދިމާވާނެ"
ފަލަސްތީނުގެ މައްސަލައަކީ ކޮންމެ މުސްލިމެއްގެ ހިތާ ގުޅިފައި ވާ މައްސަލައެއް ކަމަށާއި އެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ހަނގުރާމައިގެ ހާލަތުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލައްވާފައެވެ.
އަދި އެމެރާއިން ވަނީ އަރްބް އިޒްރޭލްގެ މައްސަލަ ހައްލު ކޮށް ފަލަސްތީނުގެ ރައްޔިތުން ބޭނުންވާ ކަންކަން ވިޔަ ނުދޭން މަސައްކަތް ކޮށްފައި ކަމަށާއި، އިޒްރޭލާއި އެމެރިކާގައި ވެސް ފަލަސްތީނު ދައުލަތް ގާއިމު ކުރުމަށް ތާއީދު ކުރާ ކިތަންމެ ބަޔަކު ތިބި ނަމަވެސް އެ މަގަށް އެ ގައުމުތަކުން މަސައްކަތް ނުކުރާ ކަަމަށް ވެސް ވިދާޅުވެފަައެވެ.
އަދި ހަމައެހެންމެ ހަމާސް – އިޒްރޭލް ހަމަނުޖެހުމުގައި އީރާނުން ބައިވެރިވާ ކަމަށް އެމެރިކާއިން ބުނެ ދައްކާ ވާހަކަ އަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމެރިކާގެ މަތިންދާބޯޓު އުފުލާ އަސްކަރީ މަނަވަރު އިޒްރޭލު ކައިރިއަށް ގެންދަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި އެއީ މަޝްރަހް އިތުރަށް ހޫނު ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވެއެވެ.
އެމެރިކާގެ 2 މަނަވަރެއް އިޒްރޭލާ ކައިރިވެފައި ވާ އިރު، ޔަމަންގެ ހޫތީންނާއި ޕާކިސްތާންގެ ޖެނެރަލުން ވަނީ އިންޒާރެއް ވެސް ދީފައެވެ. ހޫތީން ބުނެފައި ވަނީ، އެމެރިކާއިން ހަނގުރާމައިގައި ބައިވެރިވެއްޖެ ނަމަ ހޫތީން ހަމާސް އާ އެކު ނުކުންނާނެ ކަމަށެވެ. ޕާކިސްތާންގެ ޖެނެރަލުން ބުނީ، އެމެރިކާއިން އިޒްރޭލަށް ބައިވެރިވެ އެއްގަމު މަގުން ފަލަސްތީނަށް ހަމަލާ ދެން ފަށައިފިނަމަ އެގައުމުގައި ހުރި މިސައިލް ހަމާސް އަށް ފޯރުކޮށްދޭނެ ކަމަށެވެ.
އަނެއްކޮޅުން މިސްރުގެ ބައެއް ޖަމާއަތްތަކުން ވަނީ، ހަމާސްއާ ބައިވެރިވާން ގޮވާލައި އެތައްހާސް ވެހިކަލެއްގައި މިސްރާއި ގާޒާ ގުޅޭ ބޯޑަރަށް ޖަމާވެފައެވެ. އެމީހުން ގޮވަމުން ދަނީ ގޭޓް ހުޅުވުމަށާއި ގާޒާއަށް ވަނުމަށް ފުރުސަތު ދިނުމަށެވެ. އޭގެ އަނެއް ފަރާނުން އުތުރުން، ލުބުނާނުގެ ހިޒުބުއްލޯ އާއި އިޒްރޭލާ ދެމެދުވެސް ދަނީ ހަމަލާ ބަދަލު ކުރަމުންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ރެއާ ހަމައަށް ފަލަސްތީނުގެ 1053 މީހަކު ޝަހީދުވެފައި ވެއެވެ.