އޮމާންއަށް އޮންއަރައިވަލް ވިސާ ލިބޭނީ 2 ޝަރުތަކާއެކު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީ އިން މިފަދައިން ބުނެފައި މިވަނީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެގިފައި އޮތް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނިކޮށް އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އޮންއަރައިވަލް ވިސާ އޮމާންއިން ލިބޭނެ ކަމަށް ބުނެފައި ވަނީ އޭރު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެއްވާފައިވާ ރަސްމީ މައުލޫމާތު ތަކަށް ހަވާލާދީ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ނަމަވެސް އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނީ 2 ޝަރުތެއް ފުރިހަމަވުމުން ކަމަށް މިހާރު އެ ގައުމުން މައުލޫމާތު ދީފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

އޮންއަރައިވަލް ވިސާ ލިބުމަށް ހަމަވާންޖެހޭ 2 ޝަރުތު:

  1. އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން.
  2. ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ އޮމާންއަށް ދަރުތުކުރާ ފަރާތްތަކުން އެ 2 ޝަރުތު ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަންގަވައިގެން ވަޑައިގަތުމަށް އެދިފައެވެ. އަދި އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންގެންދާ ކަމަށެވެ.