ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި އެ މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން ޖުޑިޝަރީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކުރި މައްސަލައިގައި އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ މި އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ޖޭއެސްސީން ނިންމީ، އަލީ އާދަމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށެވެ.

މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައި ވާކަން ސާބިތުވެފައިވާއިރު އެ ޖަމްއިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީ އިން ވަނީ އޭރު ނިންމާފައެވެ.