އާބާދީއެއް ބަނޑަށް ޖައްސާ ހުރިހާ ހިދުމަތަކުން މަހުރޫމް ކުރުމަކީ އދ ގެ ގާނޫނު ތަކާ ހިލާފު ކަމެއް ނަމަވެސް ގާޒާގެ މުޅި އާބާދީ ބަނޑަށް ޖައްސާ، ތެލާއި ކަރަންޓްގެ ހިދުމަތް ވެސް ކަނޑާލާނެ ކަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.

މިހާރުވެސް ގާޒާއިން ކަރަންޓް ކަނޑާލާފައި ވާއިރު، ކާބޯތަކެއްޗާއި ތެޔޮ ދިނުންވެސް ވަނީ ހުއްޓާލާފައެވެ. ގާޒާއިން ނިކުމެވޭ މައިގަނޑު 7 މަގެއް [ދޮރާއްޓެއް] އޮންނަ އިރު އެ 7 ދޮރާށިވެސް އިޒްރޭލުން ވަނީ ބަންދު ކޮށްފައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ގާޒާގެ ރައްޔިތުން ރަށު ބަންދުގައި ބަންދުކޮށްފައި ވާ އިރު އިޒްރޭލުން ދެމުން ގެންދާ އަނިޔާ ތަކަކީ ހަނގުރާމައިގެ ޖަރާމާތަކެއް ކަމުގައި އދ ގެ ގާނޫނުތަކުން މީގެ ކުރިންވެސް އޮތީ ކަނޑައަޅާފައެވެ. ނަމަވެސް އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ އަޅަންމުން ގެންދާ މި ލާއިންސާނީ ފިޔަވަޅުތަކާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން ބަހެއް ނުބުނާތާނގައި ކުށްވެރި ކުރަނީ ފަލަސްތީނުގެ މުސްލިމުންނެވެ.

އިޒްރޭލުން ގާޒާ އެއްކޮށް ބަންދުކޮށްލައި އެންމެން ބަނޑަށް ޖައްސާނެ ކަނަ އިއުލާން ކުރުމުން އދ ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ހުރިހާ ފަރާތްތަކުން އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދ ހަމަލާތައް ހުއްޓާލުމަށް ވެސް އޭނާ ގޮވާލައްވާފައި ވެއެވެ.

ޔަހޫދީންގެ މިއިންޒާރުތަކުގެ އިތުރުން، މިހާތަނަށް ހިންގާ އެންމެ ފުޅާ އަސްކަރީ ހަރާކާތް އިޒްރޭލުން ހިންގަމުން އަންނަ އިރު، ބޮން އަޅާ 12 ބޯޓެއް ބޭނުން ކޮށްގެން ގާޒާގެ އެތަން މިތަނަށް ދަނީ ބޮން އަޅަމުންނެވެ. އަދި ބަރުހަތިޔާރާއެކު އެއްގަމު މަގުން ގާޒާގެ ތެރެއަށް އަރަމުން ދާ އިރު ޔަހޫދީންނަށް އެހީވުމަށް ރިޒާވް ސިފައިންގެ ގޮތުގައި އިތުރު 300،000 މީހުން މިހާރު ވަނީ ހިދުމަތަށް ނެރެފައެވެ.

މުޅި ގާޒާ 'ފުނޑާލުމުގެ' ނިޔަތާއެކު އިޒްރޭލުން ދިގުދެމިގެންދާ އޮޕަރޭޝަން ފަށާފައި ވާ އިރު، ހަމާސް އިން ބުނެފައި ވަނީ، އިންޒާރެއް ދިނުމަކާ ނުލައި އާންމުންނަށް އަމާޒުކޮށް ދެ ކޮންމެ ހަމަލާއަކަށް އެމީހުން ރަހީނު ކޮށްފައި ތިބި ޔަހޫދީންގެ ތެރެއިން މީހަކު މަރާލާނެ ކަމަށެވެ.

"އިންޒާރެއް ނެތި އާންމުންނަށް ދޭ ކޮންމެ ހަމަލާއަކަށް ރަހީނުންގެ ގޮތުގައި ތިބި ޔަހޫދީންގެ ތެރެއިން މީހަކު މަރާލާނަން، އަދި އެތަން ބްރޯޑްކާސްޓް ކުރަންވެސް ޖެހިދާނެ" ހަމާސްގެ އަލް ގަސަމް ބްރިގޭޑްގެ ތަރުޖަމާން އަބޫ އުބައިދާ ވިދާޅުވިއެވެ.

އިތުރަށް ބުނީ، ހާލަތުގެ ޒިންމާ ޔަހޫދީން އުފުލަން ޖެހޭނެ ކަމަށާއި ލޮލަކަށް ލޮލެއް ނުވަތަ ބޮލަކަށް ބޮލެއްގެ އުސޫލުން އެކަން ކުރަން ޖެހޭތީ ހިތާމަވެސް ކުރާކަމަށެވެ.

ޔާހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 560 މީހަކު ވަނީ ޝަހީދުވެފައެވެ. ވަކި ތަނެއް ވަނި ވަގުތެއް ބެލުމެއް ނެތި ޔަހޫދީ ސިފައިން ގާޒާއަށް މިސައިލާއި ބޮމުގެ ހަމަލާ ދެމުން ގެންދާ އިރު ބަލަބަލާ ތިއްބާ ގާޒާ ދަނީ ފުނޑުފުނޑު ވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން ފެށި ކުއްލި ހަމަލާގައި އިޒްރޭލުގެ 800 މީހަކު މަރުވެފައި ވާއިރު، އިޒްރޭލަށް މި ހަމަލާއަކީ ތަހަންމަލް ކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެއްގެ އިތުރުން ލަދުވެތި ކަމެކެވެ.

އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ހަމާސްގެ މުޖާހިދުން އިޒްރޭލަށް އަރާ ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައި ވާ އިރު، އިސް ބައެއް ޖެނެރަލުން ހިމެނޭހެން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން، ހަމާސް އިން ވަނީ ރަހީނު ކޮށް ގާޒާއަށް ގެންގޮސްފައެވެ.

ކާރުބާރުބޮޑު ގާޒާއަކީ ގެއަކާއި ޖެހި ގެއެއް، އިމާރާތަކާއި ޖެހި އިމާރާތެއް ހުންނަ ސިޓީއަކަށް ވާއިރު ހަނގުރާމައިގެ އަސީރުން ގެންގޮސް ފޮރުވާފައި ވަނީ މުޅި ގާޒާއަށް ބެހިގެންދާ ގޮތަށެވެ. ކާކު ހުރި ކޮންތާކުކަމެއް ޔަހޫދީންނަކަށް ނޭނގެއެވެ.

އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ބުނާގޮތުގައި ހަމާސްއިން ރަހީނު ކުރި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައެވެ.

އިޒްރޭލަށް މަދަދު ދިނުމުގެ ގޮތުން އެމެރިކާގެ އަސްކަރީ މަނަވަރު މެޑިޓަރޭނިއަން ކަނޑަށް ވަދެފައި ވާއިރު ހުޅަނގުގެ ބައެއް ގައުމުތަކާއި އީޔޫއިން ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން އީޔޫއިން ފަލަސްތީނަށް ދެމުން ގެންދާ އެހީތައް ހުއްޓާލާފައިވާ އިރު އީޔޫގައި ހިމެނޭ އަޔަލޭންޑުން ވަނީ އެކަމުގައި ސުވާލު އުފައްދާ އީޔޫއިން އެހީ ހުއްޓާލީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފައްދާފައެވެ.

އަޔަލޭންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބުނީ ފަލަސްތީނަށް އީޔޫއިން ދޭ އެހީ ހުއްޓާލުމަށް ނިންމުގެ އިހުތިޔާރު އެ ޖަމައަތުގެ ވެރިޔާއަށް ނޯންނާނެ ކަމަށާއި އެ ނިންމުމާ ދެކޮޅު ކަމަށެވެ.

އީޔޫ ކޮމިޝަނާ އޮލިވާ ވަހޭލީ ސޯޝަލްމިޑިއާ ޕްލްޓްފޯމްގައި ކުރި ޕޯސްޓެއްގައި އެހީ ހުއްޓާލާކަން އިއުލާން ކުރީ އޭނާ އަމިއްލައަށްކަން ދޭހަވާ މޭރުމަކުން އަޔަލޭންޑުން ވާހަކަ ދައްކާފައި ވާ އިރު ޖަރުމަނާއި އޮސްޓްރިއާއިން ވެސް ވަނީ ފަލަސްތީނުގެ ތަރައްގީގެ ކަންކަން ދޭ އެހީ ހުއްޓާލާކަން އިއުލާން ކޮށްފައެވެ.

ޔަހޫދީ ލީޑަރުން ގޮވާލާފައި ވާ ފަދައިން ފަލަސްތީން ނެތިކޮށްލުމުގެ ބޭނުުގައި ދެމުން ގެންދާ ހަމަލާތަކުގައި ގާޒާއާއި މިސްރާ ގުޅޭ ދޮރާއްޓަށް ހަމަލާދީ އެތަން ހަލާކު ކޮށްލާފައި ވުމުން އެ މަގުވެސް މިހާރު ވަނީ ބަންދުވެފައެވެ.

އިޒްރޭލުގެ ހަމަލާތަކާ ގުޅޭގޮތުން އެގައުމުގެ ރޭޑިއޯއިން ބުނީ، ބޮމާއި މިސައިލް ހަމަލާތައް ދެމުން ގެންދާ އިރު ހަމާސްއިން ރަހީނު ކުރި ޔަހޫދީންނަށް ގެއްލުން ވިޔަސް ހަމަލާތައް ހުއްޓާލުން ނެތް ކަމަށާއި ވަރުގަދަ ކޮށް އަދި ފުޅާކޮށް ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެފަދަ ހަމަލާތައް ދޭ އިރު ރަހީނުން ތިބިކަމަށް އިންޓެލިޖަންސް ލިބިފައިވާ ސަރަހައްދުތަކަށް ހަމަލާ އަމާޒު ނުކޮށް ވޭތޯ ބަލާނެ ކަމަށާއި ނަމަވެސް އެމީހުންނަށް ގެއްލުން ވިޔަސް [މަރުވިޔަސް] ހަމަލާ ހުއްޓާނުލާނެ ކަމަށެވެ.