ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސެއިން ފާއިޒު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

2019 ވަނަ އަހަރު އެ ކޯޓުގެ އެސްޖީކަމަށް އައްޔަންކުރި ފާއިޒު އެ މަގަމުން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ، ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.

މި ގޮތުން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށް ބުނެ، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް ފާއިޒުގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތްހަދައި އޭގެ ބޭނުން ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި 2022 ވަނަ އަހަރުގެ މާޗް މަސްތެރޭ ފާއިޒު ސަސްޕެންޑްކުރުމަށްފަހު އޭނާ ވަޒީފައިން ވަކިކޮށްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ.

ފާއިޒު ވަޒީފާއިން ވަކިިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިރު މިއަދު ޓްރެބިއުނަލުން ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާގެ ކޮންޓްރެކްޓާ ހިލާފަށް ކަމަށް ނިންމާފައެވެ. އަދި ފާއިޒުއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ޓްރެބިއުނަލުން ވަނީ އަންގާފައެވެ. މީގެ އިތުރުން ފާއިޒު އަދާކުރަމުން ދިޔަ ސެކެޓްރީ ޖެނެރަލްގެ ވަޒީފާ އިއާދަކޮށް ދިނުމަށްވެސް ޓްރެބިއުނަލުން ވަނީ އަންގާފައެވެ.