ފެސްޓިވަލެއްގައި ފިލްމެއްގެ ޕްރީމިއާ އަށް ގޮސް އުޅެނިކޮށް އިޒްރޭލަށް ހަމާސް އިން ދިން ވަރުގަދަ ހަމަލައާ ގުޅިގެން އިޒްރޭލުގައި ތާށިވި ބޮލީވުޑްގެ ބަތަލާ އަށް ސަލާމަތުން އިންޑިއާ އަށް އެނބުރި ދެވިއްޖެއެވެ.

އިޒްރޭލާއި ހަމާސް ގެ ހަނގުރާމައިގެ ސަބަބުން ބަތަލާ އެ ގައުމުގައި ތާށިވިއެވެ. އަދި އޭނާ އާ ވާހަކަ ދެއްކޭނެ އެއްވެސް މަގެއް ނުފެނި އެތައް އިރަކު އޭނާގެ އާއިލާ އިން ތިބެން ޖެހުނެވެ. ނަމަވެސް އިއްޔެ އިންޑިއާ އެމްބަސީ އިން ވަނީ ނުޝްރަތަށް ގުޅުނު ކަމަށް ބުނެ އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައެވެ. އަދި އިއްޔެގެ ހަވީރުގެ ވަގުތެއްގައި ބަތަލާ ވަނީ އިންޑިއާ އަށް ގޮސްފައެވެ. އިންޑިއާގެ އެއާޕޯޓަށް ބަތަލާ ފޭބި ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިން ތިއްބެވެ. އަދި ނުޝްރަތު ފެނުމާއެކު ނޫސްވެރިން އޭނާ ވަށާލިއެވެ. ނަމަވެސް އެވަގުތު ބަތަލާ އަށް ލިބިފައި ހުރި ޝޮކެއްގެ ސަބަބުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

ހައިދާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އޭނާގެ އެންމެ ފަހުގެ ފިލްމު "އަކޭލީ" ގެ ޕްރިމިއާ އަށް އިޒްރޭލަށް ގޮސްފައި ހުރި ބަތަލާ އަށް އިންޑިއާ އަށް ނާދެވި އެ ގައުމުގައި ތާށިވުމުން އިންޑިއާގެ ރައްޔިތުން ކަންބޮޑުވުން ފާޅުވެސް ކުރިއެވެ. ބަތަލާ ކުޅުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ޑްރީމް ގާލް"، "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަދި "ޕިޔާރު ކާ ޕަންޗަނާމާ" ހިމެނެއެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުމުގައި ފަލަސްތީނުން 313 މީހުން ޝަހީދުވެ، 1990 މީހުން އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.