ސްރީލަންކާގައި މިއަހަރު ތެރޭ ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 65،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ އެޕިޑެމިލޮޖީ ޔުނިޓުން ބުނެފިއެވެ.

އެ ޔުނިޓުން ބުނާ ގޮތުގައި، މިއަދުގެ ނިޔަލަށް މި އަހަރު ތެރޭ 65،178 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ ކޮލަމްބޯ ޑިސްޓްރިކްޓުންނެވެ. އެގޮތުން ކޮލަމްބޯ އިން ޖުމްލަ 13،700 ކޭސް މިއަދާ ހަމައަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮލަމްބޯގެ ހުޅަނގު ޕްރޮވިންސުން މިހާތަނަށް 31،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިރު، މިއީ ޕްރޮވިންސްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޕްރޮވިންސެވެ. މި މަހުގެ މިވޭތުވެދިޔަ 8 ދުވަސް ތެރޭގައި ވެސް ޑެންގީ ހުން ޖެހިގެން ހުޅަނދު ޕްރޮވިންސް އިން ވަނީ 692 މީހަކު ޕޮޒިޓިވް ވެފައެވެ.

މިއަހަރު ތެރޭ ސްރީލަންކާގެ 65،000 އަށް ވުރެ ގިނަ މީހުން ޑެންގޫއަށް ޕޮޒިޓިވްވެފައިވާ އިރު، މިއަހަރު ތެރޭ މި ބަލީގައި 38 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ވަށައިގެންވާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.