ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލާ ދެކޮޅަށް ހަމާސް އިން ދޭން ފެށި ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހުނު އެގައުމުގެ މުސްލިމު އަހުންނާއި އުހުތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމަށްޓަކައި "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" (އޭއައިސީ) އިން އެފުރުސަތު ހުޅުވާލައިފިއެވެ.

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ވަނީ އިއްޔެގެ ވަގުތެއްގައި ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އެ ހަމަލާތަކާއެކު މުޅި އިޒްރޭލަށްވެސް ސިހުން ގެނުވާފައި ވާއިރު އޭގެ ބަދަލުގައި އިޒްރޭލުން ވެސް ދަނީ ވައިގެ މަގުން އެތައް ހަމަލާތަކެއް ފަލަސްތީނަށް އަމާޒު ކުރަމުންނެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުން ބޮމާއި މިސައިލް ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 230 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހަބަރުތައް ބުނަމުންދާ މި ދަނޑިވަޅުގައި ފަލަސްތީނުގެ ގާޒާއަށް ކާބޯތަކެތި އެތެރެ ކުރުންވެސް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

ގާޒާގައި ހުންނަ ޕަލެސްތައިން ޓަވަރު ގޮއްވާލުމުން ދުންގަނޑު އަރައިގެން ދަނީ

ފަލަސްތީންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށް މިފަދައިން އަމަލު ކުރަމުން ދާއިރު ކާބޯތަކެތީގެ އިތުރުން ކަރަންޓާއި ތެޔޮ ސަޕްލައި ކުރުން ވެސް އިޒްރޭލުން ވަނީ ހުއްޓުވާއެވެ. މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިންސާނިއްޔަތާއި އެހީއަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޭއައިއެސް އިން އިސްނަގާ، ފަލަސްތީނުގެ ލޮބުވެތި މުސްމިލުންނަށް އެހީތެރިވުމުގެ މަގު މިވަނީ ތަނަވަސް ކޮށްދީފައެވެ.

"ދަ ޕްރެސް" އަށް އޭއައިސީގެ ފަރާތުން މައުލޫމާތު ހިއްސާ ކުރަމުން އެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު އަޒްހަދު އަހުމަދު ބުނީ ދިވެހިންގެ ފަރާތުން ލިބިދޭ އެހީ ފޯރު ކޮށްދިނުމަށް މިވަގުތު ބޮޑަށް އިސްކަމެއް ދޭނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރު ކޮށްދިނުން ކަމަށެވެ. އަދި ހަމައެހެންމެ އެ ފަރާތްތަކަށް ބޭނުންވާ މެޑިކަލް އިކިއުޕްމަންޓްތަކުގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދާ ދިނުމަށްވެސް މި ފައިސާގެ އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަޒްހަދު ބުނެފައި ވެއެވެ.

ދިވެހިންގެ އެއްބާރުލުން މިކަމުގެ ވަރަށް ބޮޑަށް ލިބޭކަން ފާހަގަ ކޮށް އަޒްހަދު ބުނީ މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާ ކަމަށެވެ. އޭއައިއެސްއަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް:

  • އެކައުންޓް ނަމްބަރު: 7770000062741
  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • އެކައުންޓް ލޭބަލް: IAC | EMERGENCY
https://www.facebook.com/100077112284599/posts/pfbid02bwqvvh4jJAndHXfJ9Nu17rF75USSGYA21bzgugWQjBUPCaFmDWwYKEctZCRGu2tLl/?mibextid=Nif5oz

ހަމާސްގެ ކުއްލި ހަމަލާތައް ފެށިތާ 24 ގަޑިއިރު ވެފައި ވާ އިރު، އަދިވެސް މުޖާހިދުންގެ ފައުޖުތައް އިޒްރޭލުގެ ސިދްރަތް ގެ ތެރޭގައި އެބަތިއްބެއެވެ. ހަމަލާތައް ފެށިފަހުން އެތައްހާސް ރޮކެޓެއް އިޒްރޭލަށް ފޮނުވާލާފައި ވާ އިރު، ރޭ ދަންވަރުވެސް ވަނީ ރޮކެޓް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ދެކުނު ބިތުގެ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަނގުރާމައިގައި ބައިވެރިވުމަށް ތޯލިބާނުންވެސް ވަނީ އެދިފައެވެ. އެމީހުން ބުނެފައި ވަނީ، ބޭނުންވަނީ އިޒްރޭލުގެ ތެރެއަށް ވަންނަން ކަމަށާއި އެކަމުގެ ހުއްދަ ދީ އެއްގަމު މަގުން ދެގެން ހުރި މަގުތައް ހުޅުވާލަ ދިނުމަށް އުރުދުން ފަދަ ގައުމުތަކަށް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނީ 75 އަހަރުވި އިޒްރޭލުގެ އުދުވާނުގައި 130،000 އަށް ވުރެ މީހުން ޝަހީދު ކޮށް ކޮންމެ ދުވަހަކު އެތައް ޖަރީމާއެއް ހިންގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުމާއެކު އުޅުމުން މަހުރޫމްކޮށް ދެމުންގެންދާ އަނިޔާތައް ހައްދުފަހަނައަޅާ ގޮސްފައި ވުމުންނާއި، މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގުސޯއަށް ޔަހުދީން ވަދެ ހިންގާ އުދުވާނުތަކަށް ކެތް ނުކުރެވިގެންނެވެ. ހަމާސްގެ މިހަމަލާތަކަކީ އަދި މިހަމަލާތަކުގައި އިޒްރޭލުން މަރުވި ނިސްބަތަކީ، އެގައުމުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނާ އަޅާ ބަލާއިރު އެންމެ 1 ޕަސެންޓެވެ.