ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ނިންމި ނިންމުމަށް އިންޑިއާއިން އިހްތިރާމު ކުރާނެ ކަމަށް އިންޑިއާ ސަފީރު ވިދާޅުވެފައިވާ ކަމަށް އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެކި ގައުމުތަކުގެ ސަފީރުން އިހްތިރާމުގެ ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 9 ގައުމުގެ ސަފީރުން މުއިއްޒުއާ ބައްދަލުކުރައްވާފައިވާ ކަން ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ އިނގިރޭސިވިލާތް، ޗައިނާ، އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަންގްލަދޭޝް، ޗަޕާން، ޕާކިސްތާނު، ސައުދި އަރަބިއްޔާ އަދި ސްރީލަންކާއެވެ.

އިންޑިއާ ސަފީރު އަދި އިންތިހާބީ ރައީސްގެ ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށް މުއިއްޒު އިންޑިއާ ސަފީރަށް ދެންނެވުމުން އެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް އިންޑިއާ ސަފީރު ވިދާޅުވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ސިޔާދަތަށް ފުރިހަމައަށް އިހްތިރާމު ކުރައްވާނެ ކަމަށާއި ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް އަދާ ކުރުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އިންޑިއާ ސަފީރާ ހަވާލާދީ ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އަވަށްޓެރި އަދި ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުންދާ ހުރިހާ ގައުމަކަށް ވެސް އިންތިހާބީ ރައީސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ފެށިގެން ކުރަމުންދާ ކަން ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެހެން ގައުމުގެ ތަކުގެ ސަފީރުންނާ އިންތިހާބީ ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ސަފީރުންނާއެކު ކުރިއަށްދާ ބައްދަލުވުންތަކަކި އިންތިހާބީ ރައީސްއަށް މަރުހަބާ ދެންނެވުމާއި ދެގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު އިހްތިރާމުގެ ޒިޔާރާތްތަކެއް ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުން ދެއްވި ކަމަށެވެ.