ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވާފައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް އެލައިޑް އިންޝުއަރެންސް އިން ކޭކު ހަދިޔާ ކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހިންގި މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ ކޭކު ހަދިޔާ ކޮށްފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، ޓީޗަރުންގެ ދުވަހުގެ އުފާފާޅުކޮށް ޝުކުރު އަދާކުރަނީ، ވިސްނުން ބައްޓަންކޮށް، ހުވަފެންތަކަށް ހިތްވަރުދީ، ކާމިޔާބީ ހޯދުމުގެ މަގު ފަހިކޮށްދެއްވި ހުރިހާ މުދައްރިސުންނަށް ކަމަށެވެ.

އެލައިޑުން ވަނީ މި ފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

އިއްޔެ ހުރިހާ ސްކޫލެއްގައި ވެސް ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ގޮތުން ޓީޗަރުންނަށް މަރުހަބާ ކިޔައި ކުދިން ވެސް ވަނީ ކާޑާއި އެކި ކަހަލަ ކުދި ހަދިޔާތައް ދީ ޓީޗަރުން ކުރާ ބުރަ މަސައްކަތް ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.