އެއްގަމާއި ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވާއިރު ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ސައިކަލު ސްޕީޑް ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށާއި ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރި ކަމެއް ކަމަށެވެ. އަދި ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓެއް ބޭނުން ކުރުމާއި ބުރުގާ އަޅާ މީހުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށް ފުލުހުން އެދެއެވެ.
ފުލުހުން ބުނީ މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަވެފައި ވޭތޯ ޔަގީން ކުރަން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނޭރުވުމާއި އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަވާކޮށް ރޭ ފަތިހު 5 އިން ފެށިގެން ހެނދުނު 8 އަށް ހއ އިން ރ އަށް ވަނީ ޔެލޯ އެލާޓް ނެރުނެވެ. އެހެންނަމަވެސް އޭގެ ފަހުން ހެނދުނު 8 އިން ފެށިގެން މެންދުރުފަހު 1 އަށް ހއ އިން ފެށިގެން ދ އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓްއިން ބުނީ އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ކަމަށެވެ.