ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

އަދާލަތުން މިހެން ނިންމާފައި ވާއިރު ރޭ އެމްޑީޕީ ގައުމީ މަޖިލީހުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. 90 މެންބަރުން ބައިވެރިވި އެ ވޯޓުގައި އެންމެންވެސް ބުނީ "ބަރުލަމާނީ ނިޒާމަށް ނޫނެކޭ" އެވެ.

މި ޖަލްސާގައި އެމްޑީޕީގެ 90 މެންބަރުން ބައިވެރިވެފައި ވާ އިރު، ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއް މެންބަރަކު ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ ކަަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީ ގެންނަން ނުފެންނަ ކަމަށް ވެސް އެ މެނބަރުން ވަނީ ބުނެފައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް ކުރި ބަހުސްގައި އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ދެ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް ފެނިވަޑައިގަންނަވަނީ ރިޔާސީ ނިޒާމް ކަމަށައި އެ ނިޒާމަށް އެ މަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ.

ނިޒަމީ ވޯޓަކަށް ގޮސްފި ނަމަ، ރާއްޖޭގައި ރިޔާސީ ނިޒާމް ބޭއްވުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދަޅުވިއެވެ.

އަދާލަތަކީ އެމްޑީޕީ ކޯލިޝަންގެ ޕާޓްނަރަކަށް ވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީން އޮތީ އެމްޑީޕީއާ އެކުއެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކުރެއްވުމުން އަދާލަތުގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިހާރު ގެންދަވަނީ އިންތިހާބީ ރައީސް ކަން ކުރައްވަންވީ ބައެއް ގޮތްތަކަށް ޓްވިޓާގައި ލަފާ ދެއްވަމުންނެވެ. އެހޮތުން ފުލުހުންގެ ވެރިން އައްޔަން ކުރުމާ ގުޅޭގޮތުންވެސް ލަފާ ދެއްވާފައި ވެއެވެ.