ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ސައްހަ ނޫން މެސެޖެއް ދައުރު ކުރަމުން ދާތީ އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެ ބޭންކުން އެދިއްޖެއެވެ.

އެ ބޭންކުން ބުނީ، ފޭކު މެސެޖެއްގެ ގޮތުގައި ފޮނުވަމުން ދަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރަން އެދި ކަމަށެވެ. ނަމަވެސް އެ މެސެޖަކީ މަކަރާއި ހީލަތުން ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށާއި އެ މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރު ތަކަކުން ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ ސައްހަ ނޫން މެސެޖްގައި ބުނެފައި ވަނީ ބޭންކް އެކައުންޓު ހޯލްޑް ކޮށްފައިވާ ކަމަށާއި މައުލޫމާތު އަޕްގްރޭޑް ކުރުމަށެވެ. އަދި މައުލޫމާތު އަޕްގްރޭޑް ކުރުމަށް ކަމަށް ބުނެ ލިންކެއް ވެސް އެ މެސްޖުގައި ވަނީ ހިމަނާފައެވެ.

މިއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށާއި އެފަދަ ލިންކް ތަކަށް ނުވަނުމަށް ބޭންކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.