ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމުން އެކަން އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން އެކަން ކުރުމަށް ބޭނުންވާ ގާނޫނީ ލަފާ ހޯއްދަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. "އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ގާނޫނީ ގޮތުން އެއަށް ހުރަހެއް ނެތް ކަމަށް ވަންޏާ ނޮވެމްބަރު 11 ގައި އެ ބަދަލުވެގެން ދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެރިކަމުގެ ހުވާ ކުރަމުންދަނީ ނޮވެމްބަރު މަހުގެ 11 ގައި ނަމަވެސް 2013ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން އައި ލަސްކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފަށާފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުނެ ފެށިގެންނެވެ. އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުންދަނީ އެ ދުވަހުން ފެށިގެންނެވެ.

އެއާއެކު ވެރިކަމުގެ ދައުރުން ގެއްލޭ ހަ ދުވަސް ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ހުވާ ކުރުމުގެ ކުރިންވެސް ވިދާޅުވެފައެވެ. ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޖުމްހޫރީ ދެވަނަ ވެރިކަމާ ގުޅުވައިގެންނެވެ. ޖުމްހޫރީ ވެރިކަމުގެ ދެވަނަ ދުވަސް ފަށާފައި ވަނީ 1968 ވަނަ އަހަރުއެވެ.