މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅި ނަމަވެސް އެމްއެމްއޭ އަދި ބޭންކުތަކުގެ ހިދުމަތްތައް ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ، ބޭންކިން ހިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) ހެނދުނު 08:30 އިން މެންދުރު 2 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި ސިޓީ އާއި ތަކެތި ބަލައިގަތުގެ ހިދުމަތް ހެނދުނު 08:30 އިން މެންދުރު 2 ޖެހުމާ ހަމައަށް ލިބޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭގެ އިތުރުން އިމިގްރޭޝަނުން ވެސް ވަނީ ސަރުކާރު ބަންދުވި ނަމަވެސް އިމިގްރޭޝަންގެ ވިސާގެ ހިދުމަތް އަދި ޕާސްޕޯޓުގެ ހިިދުމަތް މާދަމާ ލިބޭނެ ކަމަށް ބުނެފައެވެ. މިގޮތުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް، މާދަމާ ހެނދުނު 08:30 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކިޔިބީ މެދުވެރިކޮށް ނަންބަރު ނަގައިގެން ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން ވިސާގެ ހިދުމަތް ހެނދުނު 9 އިން މެންދުރު 2 ޖެހުމާއި ހަމައަށް ދެމުންގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހާ މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ ސަރުކާރު ބަންދު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތީ ހަމަޖައްސާފައެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 53 ޕަސެންޓާއެކު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސޯލިހު އަށް ލިބިވަޑައިގަތީ 45 ޕަސެންޓާއެކު އިންތިހާބުގެ ދެވަނައެވެ.