ޕާކިސްތާންގައި ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވި ވަގުތެއްގައި ޖާނުން ފިދާވެ ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ޖާނު ގޮއްވާލި މީހާއާއެކު މަރުވި މީހުންގެ ހަށިތައް އެތަން މިތަނަށް ވެއްޓިފައި ވާ އިރު، ޒަހަމްވެ ލެއިން ތަތްތެޅިފައި ތިބި މީހުންނާއި، ޒަހަމްތަކާއެކު ސަލާމަތް ވާން ދުވަމުން ދިޔަ މީހުން ފެނުނު އެކަކީ ޒުވާނެއް ކަމަށް ވާ ބަރަކަތް އަލީއެވެ.

އެ ހާދިސާގައި ޒަހަމްވި މީހުންނަށް އެހީވުމުގައި ބަރަކަތު އުޅެމުން ދިޔަ އިރު އޭނާގެ މުޅި ގައިގައި ވެސް އޮތީ ލެޔެއެވެ. އެތައް ބަޔެއްގެ ހަށިގަނޑު ކުއެޓާ ސިވިލް ހޮސްޕިޓަލުގެ ބޭރު ވެރެންޑާއަށް ގެންގޮސްފައި ވާ އިރު، ބަރަކަތާއި އެކުވެރިން އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު އެހެން މީހުން ދިޔައީ އިތުރު ހަށިތައް ހޮސްޕިޓަލާ ހަމައަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އުކާލެވިފައި ވާ ތިބި ގޮތަށް ތަރުތީބެއް ނެތި އެތައް ބަޔަކު ހޮސްޕިޓަލުގެ ބޭރުގައި އޮތް އިރު ބަރަކަތު ބުނީ، ހުއްޓުން އެރި ކަމަށާއި، ހަށިތަކުން ފެންނަން ހުރި ޒަހަމްތަކުގެ އަސަރު އޭނާގެ ހިތުން ފިލާނުދާކަމަށެވެ.

"ޒަހަމްވެފައި ތިބި މީހުން ރޮމުން ގިސްލަމުން އާދޭއް ކުރަމުން ދިޔަ، ފުރާނަ އާ ހަނގުރާމަ ކުރަމުން ދިޔަ، އެ މަންޒަރު ހަނދާން ނައްތައެއް ނުލެވޭ"

ޕާކިސްތާންގެ އޮފިޝަލުން ބުނީ، ޖާނުން ފިދާވި މީހާ ބޮން ގޮއްވާލާފައި ވަނީ، ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވި ވަގުތު އެމީހުންގެ މެދުތެރެއަށް ވަދެ ކަމަށާއި، އެމީހާގެ ބޭނުމަކަށް ވީ ވީހާ ބޮޑު ގެއްލުމެއް ދިނުން ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާ އިރު މިފަދަ އިތުރު ބޮމެއް ހައިބާރު ޕަހުތުންހުވާގެ ޕެޝާވަރުގައި ވެސް ގޮއްވާލާފައި ވެއެވެ.

މިހާދިސާގައި އަނިޔާވީ ކިތައް މީހުނަށް ކަމެއް އަދި ސާފުވެފައި ނުވި ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ، ބޮން ގޮއްވާލުމާއެކު މިސްކިތުގެ ފުރާޅުވެއްޓި ގިނަ ބަޔަކު ތާށިވެފައި ވާ ކަމަށެވެ. އެ މިސްކިތަކީ ގާތްގަނޑަކަށް 40-50 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި އެއީ ޕެޝާވަރުގައި ފުލުހުންގެ މަރުކަޒުތަކެއް ހުންނަ ސަރަހައްދެއްގައި ހުންނަ މިސްކިތެއް ކަމަށް ބުނެފައި ވެއެވެ.

އަފްގާނިސްތާނާއި އިރާނާ ބޯޑަރުން ގުޅޭ ބަލޫޗިސްތާނަކީ، ދޭތެރެ ދޭތެރެއިން މިހަފަދަ ހަމަލާތައް ހިންގާ ތަނެކެވެ. އެ ސަރަހައްދުގައި ހިންގާ ހަމަލާތަކުގެ ޒިންމާ އާންމުކޮށް އުފުލާ އެއް ޖަމާއަތަކީ ޕާކިސްތާންގެ ތޯލިބާނުންނެވެ. އޭގެ އިތުރުން ދެން ހަމަލާތައް ދެނީ އިސްލާމިކް ސްޓޭޓުންނެވެ. ނަމަވެސް މިހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕާކިސްތާންގެ ތޯލިބާނުން ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅު މި ޕްރިވިންސުގައި ހިންގި މިފަދަ ހަމަލާއެއްގައި 7 މީހަކު ޒަހަމްވިއެވެ. އަދި ޖުލައި މަހު އެ ޕްރޮވިންސުގެ އުތުރު ބިތުގައި އޮތް ދީނީ އެއްވުމެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 40 މީހަކު މަރާލާފައި ވެސް ވެއެވެ.

މި ހަމަލާތަކާ ގުޅިގެން ތަގުގީގެއް ފަށާފައި ވާއިރު، ބަލޯޗިސްތާންގައި ވަނީ ކާފިއު ހިންގާފައެވެ.