ށ. ފޯކައިދޫ އަޅަން ފެށި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް ނިންމައި ފޯކައިދޫ ސްކޫލް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޯކައިދޫ ސްކޫލް، އެއް ދަންފަޅީގެ ސްކޫލަކަށް ބަދަލުވުމަކީ ފޯކައިދޫގެ ހުރިހާ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން މިއަދު ހަގީގަތަކަށް ވެއްޖެ ކަމަށެވެ.

"މިއީ ވަރަށް ގިނަ ދަރިވަރުންނަށް ލިބުނު ލުޔެއް. ފޯކައިދޫ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހައްދަވާ ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."
ޑރ. އާއިޝަތު އަލީ

2019 ވަނަ އަހަރު ކުރީކޮޅު މިނިސްޓަރު އެ ރަށަށް ކުރެއްވި ދަތުރުގައި ވަނީ އެ ރަށުން ބައްދަލުވީ އެންމެން އެދިފައިވަނީ އެއް އެދުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭރު އެރަށު ސްކޫލްގައި ކިޔަވަމުން ދިޔަ ގްރޭޑް 12ގެ ދަރިވަރުން ކިޔަވަމުން ދިޔައީ ކިޔަވާނެ ކްލާސް ރޫމެއް ނެތުމުން ސްކޫލްގެ ގޯތި ތެރޭގައި ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އޭރު އެ ސްކޫލްގެ ކްލާސް ރޫމްތައް މަދުވެގެން ސްކޫލް ހިންގަނމުން ދިޔައީ ތިން ދަންފަޅިއަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން 2021 ވަނަ އަހަރު ވަނީ އެ ރަށު ސްކޫލްގައި 13 ކިލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން ފަށާފައެވެ. މިހާރު އެ މަސައްކަތް ނިމި 13 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ވަނީ ރަސްމީކޮށް މއިަދު ހުޅުވާފައެވެ. އެއާއެކު މިއަދު ފޯކައިދޫ ސްކޫލް އެއް ދަންފަޅީގެ ސްކޫލަކަށް ބަދަލުވެގެން ދިއުމަކީ ބޮޑު އުފަލެއް ކަމަށް މިނިސްޓްރު އާއިޝަތު ވިދާޅުވިއެވެ.

އަދި އެ ރަށުގެ ރައްޔިތުންގެ މި އެދުން ފުރިހަމަ ކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ރައީސަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.