ގުޅިގެން ވައްކަން ކުރުމުގެ ރެކޯޑު އޮންނަ "ޖޯޑެއް" ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.

ބަންދުގެ އަމުރުގައި ބުނީ، އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި އެ މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

އެދެމީހުން ވެސް ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާއިރު އެ ދެ މީހުންނަކީ ގުޅިގެން ވައްކަން ކުރުމުގެ އެތައް ރެކޯޑެއް އޮންނަ ދެ މީހުން ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

ވައްކަމުގެ ތުހުމަތަށް މިފަހަރު ހައްޔަރުކުރި އިރުވެސް އެ ދެ މީހުންގެ އެހެން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވައްކަން ކުރާ މިންވަރު އިތުރުވަމުންދާއިރު ވަގަށް ނަގާ އަގުހުރި ތަކެތި ހޯދުމުގައި ގިނަފަހަރު ދަތިތަކެއް ކުރިމަތިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.