އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމާއި އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ނިންމަވައިފިއެވެ.

އިގްބާލާއި އާރިފް މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީއިން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައި ވާތީއެވެ.

އެ ނިންމެވުމާއެކު ގާސިމް ވަނީ ޖޭޕީގެ ނަން ބޭނުން ނުކޮށް އެ ޕާޓީގެ މެންބަރުންނަށް ކޮންމެ ކެންޑިޑޭޓަކަށްވެސް ތާއީދު ކުރުމުގެ އިހުތިޔާރު ދެއްވާފައެވެ. ގާސިމްގެ އެ ނިންމެވުމާއެކު ޖޭޕީގެ ގިނަ ބަޔަކު މުއިއްޒުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ތާއީދު ކުރަމުން ގެންދަވާއިރު އާރިފާއި އިގްބާލްގެ އިތުރުން އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މުއިއްޒަށް ތާއީދު ކުރައްވައެވެ.

އިގްބާލާއި އާރިފަކީވެސް މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގެ ދެ ބޭފުޅުން ކަމަށް ވާއިރު އެ ބޭފުޅުންނަކީ މުއިއްޒު އާ އާއިލީ ބޭފުޅުންވެސްމެއެވެ.

އިގްބާލަކީ 2004 ވަނަ އަހަރުން ފެށިގެން ސިޔާސީ ދާއިރާގައި މެދުނުކެނޑި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު އޭނާއާއި އާރިފަކީ މިހާރު ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެކެވެ.