ޕީޕީއެމްއާ ދެކޮޅަށް އިންޓަވިއު ދޭތީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް ފުރައްސާރަކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މިއަދު މި ހާދިސާ ހިނގާފައިވާއިރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ނިޔާޒު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ފޮޓޯއެއް ހިއްސާކޮށް އޭގައި އިން ބޯ ދިގުކޮށްފައިވާ މީހާ ނިޔާޒަށް ފުރައްސާރަކޮށް އިންޒާރުދީފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ނިޔާޒު ވިދާޅުވީ ބޭންކަށް ދިޔަ މަގުގަތީގައި އޭނާއަށް ދިމާކޮށް ފުރައްސާރަށް، އިންޒާރުދީ ހަދާފައިވާ ކަމަށެވެ. އަދި މިހާރުންސުރެ ޕީޕީއެމްގެ އަސްލު ސިފަ ފެންނަމުންދާ ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.

އެކަން ފެންމަތިވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކައިރިވެފައިވަނިކޮށް ޕީޕީއެމަށް އަލުން ވެރިކަން ނުދިނުމަށް އެދި އިންޓަވިއުތައް ދެއްވަމުން ގެންދަވަނިކޮށެވެ. މި އިންތިހާބުގައި ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ޓިކެޓުގައި ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާއިރު މި ފަދަ ގޮތަކަށް އިންޓަވިއު ދޭތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުރި ބީއެމްއެލްގެ އިސްލާމިކް ބޭންކަށް ނިޔާޒު ސައިކަލު ދަނިކޮށް އެ މީހަކު ވަނީ ނިޔާޒުގެ ފަހަތުންގޮސް އެ އިންޓަވިއުއާ ގުޅިގެން ސުވާލުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނިޔާޒަށް ލިބިފައިވާ ކަމަށާއި ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް ވަނީ ގޮވާފައެވެ.

ނިޔާޒު ސައިކަލު ޕާކުކުރުމަށްފަހުވެސް އެ މީހުން ވަނީ ނިޔާޒު ބޭންކަށް ވަންނަންދެން ފަހަތުން ގޮސްފައެވެ.