ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދިނުމަށް ނިންމާ އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވުމަށް މިމަހުގެ 5 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޕާކިން ސްޓިކާގެ ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ އެހެނިހެން ޓްރެފިކް ޖޫރިމަނާތައް ވެސް އެ ޖޫރިމަނާއެއްގެ ބާވަތަށް ބަލައި މައާފުކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުވުމަށާ، ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، ނޮވެންބަރު 17، 2018 އިން ފެށިގެން ސެޕްޓެންބަރު 5، 2023 ގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އޮކްޓޯބަރު 25، 2023 ގެ ނިޔަލަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް މިކަމަށް ހުށައެޅުމަށް އެ މިނިސްޓްރީން ވަނި އެދިފައެވެ. ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.