އިއްޔެ ދިޔަރެސްގެ ނޫސްވެރިން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކޮށްފައި ވަނީ އެއްވެސް ހުއްދައެއް ނެތި ކަމަށާއި، އެގޮތުން އެ މައްސަލައިގައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން އެމެއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުތުރުތިލަފަޅުގައި އެ މުއައްސަސާގެ ބޭނުންތަކަށް ތަރައްގީ ކުރަމުން އަންނަ ސަރަހައްދު ފިޔަވާ އެ ފަޅުގެ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ރޭގެ ވަގުތެއްގައި ހާމަކޮށްފައިވަނިކޮށް، ނޫސްވެރިން ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާ ކަަމަށެވެ.

އަދި ދާދި ފަހުންވެސް ނޫސްވެރިންގެ އެދުމުގެ މަތިން އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކައިލުމަށް މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށާއި އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށާއި އެފަދަ ތަންތަނަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތް ކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަަމަށްވެސް ވެއެވެ. "މިގޮތުން ސިފައިންގެ ބަނދަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތް ކޮށްފައި ވަނީ މިއުސޫލުން ކަމުގައިދަންނަވަން" ބަޔާނުގައި ވެއެވެ.

އަދި ހަމައެހެންމެ އަސްކަރީ މަރުކަޒުތަކަށް ހުއްދަ ނެތި ވަންނަން މަސައްކަތް ކޮށްފިނަމަ އެކަން ސީރިއަސް މައްސަލައެއްގެގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުން ހުއްދަ ކޮށްފައިވާ ކަމަށާއި އެއީ ބޭރު ގައުމު ތަކުގައިވެސް އެކަން ކުރާ އުސޫލު ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ވީމާ އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މިފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ." އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

އިއްޔެ ދިޔަރެސްގެ ނޫސްވެރިން އެ ރަށަށް އަރަން މަސައްކަތް ކޮށްފައިވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަމުންދާ ކަމަށް ބުނެއެވެ.