އިންތިހާބު ވެވަޑައިގެންފިނަމަ ގާއިމުކުރައްވަން ބޭނުންވަނީ ދެ ފުށް ފެންނަ ސަރުކާރެއް ކަމަށާއި ޖަވާބުދާރީ ވާންނުކެރޭ މީހަކު މާގާމެއްގައި ނުހުންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މާލޭގައި މިހާރު ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި މިއަދު ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކަށް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ދެއްވާނެ ޔަގީން ކަމަކީ ދިވެހި ރައްޔިތުން ކުރާ އިތުބާރުގައި ދެމިހުރެ ރައްޔިތުން އެދޭ ފަދަ ގޮތަކަށް މި ގައުމުގެ ކަންކަން ގެންގޮސްދޭނެ ކަމަށެވެ. އަދި ސަރުކާރަކީ އިންސާފުވެރިކަމާއި އަދުލުވެރި ކަމާއެކީގައި ހިންގައިދޭ ސަރުކާރެއްކަން ސާބިތު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަނިޔާވެރި ކަމަކީ ސަރުކާރެއްގައި އެއްގޮތަކަށްވެސް އޮންނާނެ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ އެންމެން ބޭނުންވާ ގޮތަށް ގައުމަށް ހަމަޖެހުން އަންނަން ކަމަށެވެ. އަދި ގައުމުގައި އެންމެންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ މީހަކު ނިސްބަތްވާ ޕާޓީއަކުން އެ މީހަކު ނިސްބަތްވާ ފިކުރަކުން އެ މީހަކު ވިސްނުން ހުރި ގޮތަކުން އޭނާގެ ކުރިމަތީގައި ތަފާތެއް ނުވާނެ ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތަކު ބޭނުންވާ ފިކުރެއްގައި ބޭނުންވާ ޕާޓީއަކާއެކީގައި ބޭނުންވާ ބަޔަކާއެކީގައި ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީ ދިވެހި ރައްޔިތެއް ކަމަށާއި ހިދުމަތް ދިނުމުގައި އިސްކުރާނީ ހަމަހަމަކަމާއި އިންސާފު ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ފަސް އަހަރު ފެނިގެން ދިޔަ ބޭއިންސާފާއި އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިނިވަންކަން އެންމެ ބޮޑަށް، އަތުން ބީވެގެން ގޮސް ނިމުމަކަށް އަންނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އިތުބާރުކޮށް ޒިންމާ ހަވާލު ކުރައްވައިފިނަމަ މަސައްކަތުގައި އެންމެ ފުރަތަމަ ކުރާނެ ކަމަކަށް ވާނީ ހާރިޖީ ސިޔާސަތު ހަމަ މަގަށް އެޅުވަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރަސްމީ ގޮތެއްގައި މިނިވަން ގައުމެއްގެ ގޮތުގައި އޮތަސް އަމަލީ ގޮތުން މިނިވަންކަން ވަނީ އަމިއްލަ އަތުން ބީވެގެން ގޮސްފައި ކަމަށާއި އަޑިނޭނގޭ އެއްބަސްވުމުގެ ތެރެއަށް މަޝްރޫއުތައް ގުޅިލާ މެހިފައިވާ ކަމަށެވެ. އަދި އެކި ނަންނަމުގައި އެކި ވަރުގެ ދަރަނިތައް ނަގަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރެއްގައި ޖުޑިޝަރީވާނީ ހަގީގީ މާނައިގައި މިނިވަން ޖުޑިޝަރީއަކަށް ކަމަށާއި ޝަރީއަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި ފޯރުވުމުގެ ފުރުސަތެއްވެސް ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ މީހަކު އެއްވެސް މަގާމެއްގައި ހުރިކަން އެނގޭ ހިސާބުން ވަކިކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަމަލީ ގޮތުން މިނިވަން ޖުޑިޝަރީއެއް ގާއިމު ކޮށްދެއްވާނެ ކަމަށާއި އޭރުން ރައީސް ޔާމީނަށް މިނިވަންކަން ލިބި ރައީސް ނަޝީދަށް ކުރިމަތިވި އުދުވާނީ ހަމަލާ މިހާތަނަށް ނުބެލި އޮތް މައްސަލަ ބެލި، އެމަނިކުފާނަށްވެސް އިންސާފު ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭރުން ކުޑަ މީހެއް، ބޮޑުމީހެއް އަދި މަގާމުގެ ތަފާތެއް ބެލުމެއް ނެތި އިންސާފު ހަމަހަމަކަމާއެކު ކޮންމެ ރައްޔިތަކަށް އަދުލުވެރިކަމާއެކު ފޯރުވައިދިނުމުގައި ޖުޑިޝަރީގައި ތިބި ފަނޑިޔާރުންނަށް މިނިވަން ޖައްވެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިނިވަން މުވައްސަސާތައް ހަގީގީ މާނާގައި މިނިވަން ތަންތަނަށް ހަދައިދެއްވާނެ ކަމަށާއި އެތަން ތަނުގައި ތިބޭނީ ތައުލީމާއި ތަޖުރިބާގެ ގޮތުން އަމަލީ ގޮތުން ގާބިލުކަމާއެކު ހިދުމަތް ދެވޭނެ ފަދަ މީހުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުން މަޖިލީހަށް އެކި ކޮމިޝަންތަކަށް ފޮނުވާ ނަންތައް ހަމައެކަނި ސިޔާސީ ވިސްނުމަކުން ފޮނުވާ ނަންތަކަކަށް ނުހައްދަވާނެ ކަމަށާއި އެއިން ކޮންމެ ބޭފުޅަކީ ސިޔާސީ ނިޒާމުގެ ތެރޭގައި އިންނެވި ބޭފުޅެއް ކަމުގައި ވިޔަސް ގާބިލުކަން ޔަގީން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.