ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މާލެ ސަރަހަައްދުން ހިއްކަން ހުށަހަޅާ ހުރިހާ ތަނެއް ހިއްކައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މާލޭގައި މިހާރު ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި މިއަދު ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ފުރަތަމަ އަހަރުގެ 6 މަހާއި 12 މަސް ދުވަސް ތެރޭގައި މާލެ ސަރަހައްދުން ހިއްކަން ހުށަހަޅާ ހުރިހާ ތަނެއް ހިއްކައި ނިންމަދެއްވާނެ ކަމަށާއި އެ ތަންތަނުގައި އިގްތިސޯދީ ގޮތުން ގެންނަން ޖެހޭ ހުރިހާ ކުރިއެރުމެއް ގެނެސް، ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަން މާލޭގެ ހުރިހާ ރައްޔިތުންނަށާއި ހުރިހާ ރަށްވެހިންނަށް އަދި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް އޭނާގެ 5 އަހަރުގެ ތެރޭގައި ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް އެ ރައްޔިތަކު ބޭނުންވާ ތަނަކުން ބޭނުންވާ ރަށަކުން ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިގްތިސޯދު ނަގާ ކޮޅަށް ޖަހަމުން އިގްތިސޯދުގައި ބުންވަރާއި ހަކަތަ އުފައްދަމުން ތަރައްގީގެ މަޝްރޫއުތައް ގެނެސް، ތަރައްގީގެ ބާރު ދުވެލީގައި އަނެއްކާވެސް ދާތަން ފެނިގެންދާނެ ކަމަށެވެ. އަދި ނުހެދިފަ ހުރި މަގުތައް ހަދައިދިނުމާއި ޕާކިން މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުގައި މާލެ ތެރޭގައި ހުރި ނޭނދެވޭ ކަންތައްތަކަށް ދާއިމީ ހައްލެއްގެ ނިންމައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ކަނޑު އަޑީންނާއި ޖައްވުން ދިން ގޯތިތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށާއި އެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށްޓަކައި ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.
ގަލޮޅު އުތުރުގެ ގިނަ ގެތަކަށް ވަދެވުނު ކަމަށާއި ވަރަށް ނިކަމެތިކޮށް އެތައް ރައްޔިތުންނެއް އުޅެމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ނިމުމަކަށް ގެންނާނީ ދައުރުނިމި، ފުރަތަމަ ބުރުނިމިގެން ދެވަނަ ބުރަށް ދެ ދުވަހަށް ވުމުން ނެރޭ އިއުލާނަކުން ނޫން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އެ އިޝާރާތް ކުރައްވަނީ ނުހިއްކާ އޮތް، ގުޅީފަޅާއި ގިރާވަރުފަޅުން މި ސަރުކާރުން ގޯތިދިނުމާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 5 ވަރަކަަށް ދުވަހަށްވެފައިވަނިކޮށް ބިންވެރިޔާއާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ހުޅުވާލުމާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ އިގްތިސޯދު ނަގާ ކޮޅަށް ޖަހާނެ ގޮތް އެނގޭ ކަމަށާއި އިގްތިސޯދު ނަގާ ކޮޅަށް ޖަހައިދިނުމާއެކު ގެދޮރު ވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ.