7 އަހަރަށް ފަހު ދިވެހިރާއްޖެއިން އީރާނާއެކު އަލުން ހާރިޖީ ގުޅުން ގާއިމު ކޮށްފިއެވެ.

ދިވެހިރާއްޖެއިން އީރާނާދެމެދު ހާރިޖީ ގުޅުން އަލުން ގާއިމު ކުރިކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އަދި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲ ހީޔަން އާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ ދެގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމު ކުރުމަށް އެއްބަސްވެފައި ވަނީ ދެގައުމުގެ އިސްތިގުލާލަށް އިހުތިރާމް ކުރުމާއެކު ހަމަހަމަކަމާއި، ދެގައުމުގެ ފައިދާއާއި، ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ މައްޗަށް ބިނާ ކުރުމަށް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް، ވިޔަފާރި، ދަތުރުފަތުރު، ސައިންސް، ޓެކްނޮލޮޖީ އަދި އިނޮވޭޝަން ފަދަ ދާއިރާތަކުން ގުޅުން ވަރުގަދަ ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ރާއްޖެއިން އީރާނާއެކު އޮތް ގުޅުން ކަނޑާލާފައި ވަނީ 2016 ވަނަ އަހަރު ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅުމުގެ ސަބަބުންނެވެ. ރާއްޖެއިން އިރާނާއެކު ގުޅުން ބަދަހިކޮށްފައި މި ވަނީ އެ ގައުމާއެކު އޮންނަ ގުޅުން ކަނޑާލިތާ 7 އަހަރު ފަހުންނެވެ.