އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްވެސް އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ކަންވެސް ކުރައްވަމުން ގެންދަވާ ހަސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައު ވިދާޅުވެފައި ވަނީ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް އޭނާ ނިންމާފައިވާ ކަމަށާއި އެކަމުގައި ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދިނުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސަންގެ އިތުރުން އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުވެސް ވަނީ އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފައެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ޑިމޮކްރެޓްސް އިން ވާދަ ކޮށްފައި ވާއިރު އިންތިހާބުގެ ތިންވަނަ 15،839 ވޯޓާއެކު ހޯދާފައި ވަނީ އެ ޕާޓީންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރެއްވި އިރު، ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވީ އަމްރުއެވެ.

ރައްޔިތުން މަޖިލީޙުގެ މައިނޯރިޓީކަންވެސް ކުރަމުންދާ ޑިމޮކްރެޓްސްއިން ވަނީ ދާދި ފަހުން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުންވެސް އައްޔަން ކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ޕާޓީން ނެގި ވޯޓާއެކު ޕީޖީ ލީޑަރުކަމަށް އެމްޕީ އަލީ އާޒިމް އައްޔަން ކޮށްފައި ވާއިރު ފީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމަށް އައްޔަން ކޮށްފައި ވަނީ އެމްޕީ އަހުމަދު ޒާހިރު އާއި އެމްޕީ އިބްރާހިމް ރަޝީދެވެ. އަމީންއާންމަކަށް އެމްޕީ މުހައްމަދު ވަހީދު އައްޔަން ކުރެއްވިއިރު ވިޕަކަށް އައްޔަންކޮށްފައި ވަނީ އެމްޕީ މުހައްމަދު ރަޝީދެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރާނެ ކަމަށް ޑިމޮކްރެޓުން އިއުލާން ކޮށްފައި ވާއިރު އެގޮތަށް އެޕާޓީން ނިންމާފައިވަނީ ޑިމޮކްރެޓުން ޝަރުތު ކުރި ކަންކަމަށް ދެ ޕާޓީން ކުރެ އެއް ޕާޓީއެއްވެސް އާނބަސް ބުނެފައި ނުވުމުންނެވެ.