އޯވަރީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދިޔަ އާމިނަތު އަލީ އާދަމް (އާމި) ނިޔާވެއްޖެއެވެ.

އާމިގެ އޯވަރީގައި ކެންސަރު ބަލި ހުރިކަން ދެނެގަނެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. އޭރު އާމިގެ އުމުރުން އެންމެ 9 އަހަރެވެ. 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން އިންޑިއާއިން އުއްމީދު ކަނޑާލުމާއެކު އާމިއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ ޕައިލޭޓިވް ކެއާގައެވެ.

އާމިގެ ބަލި އިތުރަށް ދެނެގަތުމަށް ހެދި ޓެސްޓު ތަކުންނާއި ތަހުލީލު ތަކުން އެނގުނު ގޮތުގައި އެއީ ވަރަށް އަވަހަށް ފެތުރޭ ޓިއުމަރެއްކަން ވަނީ ދެނެގަނެވިފައެވެ. ގއ. ދާންދުއަށް ނިސްބަތްވާ އާމި އަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އަދި އާމި ތައުލީމު ހާސިލް ކުރަމުންދިޔައީ ހުޅުމާލެ ރެހެންދި ސްކޫލުގައެވެ.

އޯވަރީގެ ކެންސަރަކީ އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ޖެހޭ ބައްޔެއް ނަމަވެސް މި ބަލި ކުޑަކުދިންނަށް ވެސް ޖެހިފައި ވެއެވެ. އާމިގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި މިރޭ 10:30 ގައެވެ.