ޔޫކްރަައިން ހަނގުރާމަ ފެށިފަހުން 19 މަސް ފާއިތުވެގެން ގޮސްފައި ވާ އިރު، ޔޫކްރައިން އިން ދިން އެންމެ ވަރުގަދަ އެއް ހަމަލާގައި، ކަޅު ކަނޑުގެ ކަންކަން ހިންގަން ކްރިމިއާގައި ރަޝިއާއިން ގާއިމުކޮށްފައި ހުރި ހެޑް ކްއާޓަރު ގޮއްވާލއިފިއެވެ.
ބޯ ކަޅު ދުން އަރަމުންދާތަން ފެންނަ ވީޑިއޯ އަދި ފޮޓޯތައް އާންމުކޮށް ޔޫކްރައިން އިން ބުނީ، އެ ހަމަލާގައި ރަޝިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް މަރުވެ ނުވަތަ ޒަހަމްވެފައި ވާ ކަމަށެވެ.
ޔޫކްރައިން އިން ހަމަލާ ދިން ހެޑް ކްއާޓަރަކީ ޔޫކްރައިން އަށް ހަމަލާ ދިނުމުގެ ކަންކަން ވިލަރެސް ކުރަން ކްރިމިއާގައި ގާއިމުކޮށްފައި ހުންނަ މައި މަރުކަޒު ކަމަށް ވާއިރު އެތާނގައި އަބަދުވެސް އަސްކަރިއްޔާ އިސް އޮފިޝަލުންގެ ގިނަ ބަޔަކު ހަރަކާތްތެރިވެއެވެ. އަދި އެ ހަމަލާ ދިން ގަޑީގައި އެތާނގައި އިސްވެރިންގެ ބައްދަލުވުމެއް ހިނގަމުން ދިޔަ ކަމަށް ވެސް ޔޫކްރައިން އިން ބުނެއެވެ.
މިވާހަކަތާކާ ގުޅިގެން ރަޝިއާއިން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް ޔޫކްރައިންގެ މިސައިލް ހަމަލާތަކެއް އަމާޒުވި ކަމަށާއި އެކަކު ގެއްލިފައި ވާ ކަމަށް ބުނެފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން ރޭ އަމާޒުވި އެ ހަމަލާތަކަށް ފަހު މިއަދުވެސް ވަނީ އެތަނަށް މިސައިލް ހަމަލާ ދީފައެވެ.
ޔޫކްރައިން ހަނގުރާމައާ ގުޅޭގޮތުން ކެނެޑާގެ ޕާލިއަމެންޓުގައި ތަގުރީރު ކުރެއްވުމުގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އުޅުއްވާ ދަނޑިވަޅެއްގައި ދިން މިހަމަލާތަކަކީ ޔޫކްރައިންގެ ރައްދު ހަމަލާތައް ވަރުގަދަ ވަމުން ދާ ކަމުގެ ސިގްނަލެއް ކަމަށް މުރާސިލުން ބުނެއެވެ.
ރައްދު ހަމަލާތައް ވަރުދަގަ ވާ މި ދަނޑިވަޅުގައި އެމެރިކާއިން މިހާރު ވަނީ ދިގުރާސްތާ މިސައިލް ޔޫކްރައިން އަށް ދޭން ނިންމާ އެކަން އިއުލާން ކޮށްފައެވެ. މީގެ އިތުރުން އެމެރިކާއިން ދޭ އަބްރަމްސް ޓޭންކްތައް މި ހަފްތާގައި ޔޫކްރައިން އަށް ދާނެއެވެ. މިއާއެކު ނިއުކްލިއާ ދަގުއިން ތަރައްގީ ކޮށްފައި ވާ އުންޑަވެސް ފޮނުވާނެއެވެ.
ޑިފެންސް އެނަލިސްޓުން ބުނެފައި ވަނީ ޔޫކްރައިންގެ މި ހަމަލާއާއެކު ރަޝިއާއަށް ސިހުން ގެނުވާފައި ވާ ކަމަށާއި ނަފްސާނީގޮތުން ލޮޅުން އަންނާނެ ކަމަށެވެ.
ކެނެޑާގެ ޕާލިއަމެންޓުގައި ޒެލެންސްކީ ވިދާޅުވީ، ކެނެޑާއިން ދޭ 5.9 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ ބޮޑު އެއްޗެއް ކަމަށާއި އެ އެހީގެ ބޭނުން ކޮށްގެން އެތައްހާސް ރައްޔިތުންނެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށެވެ.
ކްރިމިއާގައި ހުރި މަރުކަޒަށް މިސައިލް ހަމަލާ އަމާޒުވި އިރު ސެވެސްޓޮޕޮލް ގައި ހުންނަ މަރުކަޒަށް ވެސް މިސައިލް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އެލާޓްވަނީ ނެރެފައެވެ.
މިއާއެކު ކްރިމިއާއަށް ސައިބާއެޓޭކެއް ވެސް ވަނީ އަމާޒުވެފައެވެ. މިއާއެކު އިންޓަނެޓުގެ ހިދުމަތްތަކަށް ބުރޫއަރާފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ކްރިމިއާ އަށް ދިން ހަމަލާތަކުގެ ވަރުގަދަކަން ހާމަ ކޮށްދިނުމުގެ ގޮތުން ޔޫކްރައިންގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އޮލެކްސީ ޑަނިލޯވް ބުނީ، ކަޅުގަނޑުގެ ރަޝިއާގެ ފްލީޓް ކޮށާލާނީ 'ސަލާމީ' އެއް ކޮށާލާހެން ކަމަށެވެ. އިތުރަށް އޭނާ ބުނީ، އަމިއްލައަށް ވޮލަންޓިއާ ކޮށް ކްރިމިއާ ދޫކޮށް ދާންވީ ކަމަށާއި ނޫން ނަމަ ސަލާމީއަކަށް ހަދާލާނެ ކަމަށެވެ. ސަލާމީ އަކީ ސޭންޑްވިޗެއް ގޮތަށް އޮންނަ ކާއެއްޗަކަށް ކިޔާ ނަމެކެވެ.