ވެރިކަމުގެ ނިޒާމާ ގުޅޭ ބަހުސަކަށް ވަަޑައިގަންނަވަށް ބޭނުނުވެ ވަޑައިނުގަންނަވާ ކަަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ، ރ، ބ، ޅ އަތޮޅާއި ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުއެއްގައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަން މަޖިލީހުން ފާސްކޮށްފައި ވާއިރު އެކަމާ ގުޅިގެން މުއިއްޒުގެ ހިޔާލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ނިޒާމީ ވޯޓުގެ ބަހުސަކަށް ވަަޑައިގަންނަވަން ބޭނުންވެ ވަޑައިގެން ނުގަންނަވާ ކަމަށާއި ބަހުސް ކުރައްވާނީ އިންތިހާބަށް ކަމަށެވެ.
މުއިއްޒު އެހެން ވިދާޅުވެފައި ވާއިރު ބަރުލަމާނީއަށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ވަނީ ނޫނެކޭ ބުނެފައެވެ. ކެމްޕެއިން ދަތުރުގައި ރ. އިންނަމާދޫގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އަންނަ މަހުގެ 30 ގެ ކުރިން ނިޒާމު ބަދަލު ކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާ އެ ގަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރުގައި ގޮވައިލައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. އެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއިދާ ވެސް އެކުގައެވެ. ނަމަވެސް ޕީޕީއެމް އާއި ޕީއެންސީން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުއެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފައެވެ.