އެއާ ޑިފެންސް ސިސްޓަމްތަކާއި އެފަދަ އެޑްވާންސް ހަތިޔާރު އެމެރިކާ އާއި ޔޫކްރައިން ގުޅިގެން އުފައްދަން އެއްބަސްވެއްޖެއެވެ.

އދ ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއެކު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ވިދާޅުވީ، ދުރު މުސަތަގުބަލުގެ އަމާޒަކާއެކު ދެގައުމު ގުޅިގެން ޔޫކްރައިންގައި ހަތިޔާރު އުފައްދަން އެއްބަސްވެފައި ވާ ކަމަށެވެ. އޭގެ ސަބަބުން އިގްތިސޯދީ ގޮތުން ވަޅުޖެހިފައި އޮތް ޔޫކްރައިންއަށް ދިރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާތައް އުފެދި އެމެރިކާއާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވުމުގެ އިތުރުން ގައުމުތަކުގެ އިތުބާރުވެސް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެމެރިކާއާ ގުޅިގެން ހާއްސަކޮށް އަސްކަރީ ދާއިރާގައި ހަތިޔާރު އުފެއްދުމަކީ ޔޫކްރައިން އަށް ތާރީހީ ކަމެއް ކަމަށާއި، އުފައްދާނެ ހަތިޔާރުތަކުގެ ތެރޭގައި އެއާ ޑިފެންސް ސިސްޓަމްތަކުގެ އިތުރުން އެހެނިހެން އެޑްވާންސް ހަތިޔާރު ހިމެނޭނެ ކަމަށެވެ.

ޔޫކްރައިން އަކީ ހަތިޔާރުގެ ދުނިޔޭގައި ކުރިން ފާހަގަ ކޮށްލެވޭ ގައުމެއް ނަމަވެސް ސޯވިއެޓް ރޫޅިގެން ދިޔުމާއެކު، ހަތިޔާރު އުފެއްދުމުގެ ރޭހުން ޔޫކްރައިން ފަހަތަށް ސޮއްސާލިއެވެ. އަދި ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުންދާ ހަނގުރާމަ 19 މަހަށް ދިގުލައިގެން ގޮސްފައި ވާ އިރު، ހަތިޔާރު ހުސްވެ، ގައުމުތަކުގެ އެހީއަށް ވަނީ ބޭނުން ޖެހިފައެވެ. ގާތްގަނޑަކަށް 1000 ކިލޯމީޓަރަށް ފެތުރިފައި އޮތް ރަޝިއާގެ ސަފުތަކުން ދޭ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ގެއްލުމެއް ޔޫކްރައިން އަށް ލިބެމުން ދާއިރު، އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ހަތިޔާރު އުފެއްދުން މިހާރު ވަނީ އިންތިހާ އަވަސްކޮށް އިތުރު ކޮށްފައެވެ.

އެގޮތުން، ޑްރޯން ޓެކްނޮލޮޖީ ތަރައްގީކޮށް ފުޅާކޮށް، ކަނޑުގެ ޑްރޯންތަކާއި ވައިގެ ޑްރޯން ގިނަ އަދަދަކަށް އުފައްދާ އޭގެ އެހީގައި ރަޝިއާގެ އެކި މަގާމުތަކަށް މިހާރު ހަމަލާވެސް ދެއެވެ.

ޒެލެންސްކީ ވިދާޅުވީ، ހަތިޔާރު އުފެއްދުމަށް އެމެރިކާއާ އެކު ވެވުނު އެއްބަސް ވުމުގެ ދަށުން މައިގަނޑު 3 ފަރާތަކާއެކު ސޮއިކޮށްފައި ވާ ކަމަށާއި، އެ 3 ފަރާތަކީ އެމެރިކާގައި ހަތިޔާރު އުފައްދާ 2000 ކުންފުންޏެއް ހިމެނޭ 3 ޖަމާއަތެއް ކަމަށެވެ.

މިހާރުވެސް ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރަށް ބަރޯސާވާން ޖެހިފައި ވާ ޔޫކްރައިންގައި މި ކުންފުނިތަކާ ގުޅިގެން ހަތިޔާރު އުފައްދަން ފެށުމުން، ހީނުކުރާހާ އަވަސް މިނެއްގައި ބޭނުންވާ ހަތިޔާރު އުފެއްދި އަދި އެޑްވާންސް ހަތިޔާރުވެސް އުފެއްދޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެއެވެ.

އިތުރަށް ޒެލެންސްކީ ވިދާޅުވީ، ހަތިޔާރުގެ ރޭހުގައި އެންމެ ހަރަކާތްތެރި 20 ގައުމަކަށް ދައުވަތު ދެއްވައިގެން ވަރަށް އަވަހަށް ޔޫކްރައިންގައި ފޯރަމެއްވެސް ބާއްވާނެ ކަމަށެވެ.

ހަތިޔާރު އުފެއްދުމުގެ އެއްބަސްވުމަކަށް ޔޫކްރައިން އާއި އެމެރިކާއިން ވަދެފައިވާ އިރު، ރަޝިއާގެ ހަމަލާތަކުގައި ހަލާކުވާ ޔޫކްރައިންގެ ޓޭންކްތަކާއި އެހެނިގެން ބަރުހަތިޔާރު މަރާމާރުކޮށް މެއިންޓަނަންސް ބަލަހައްޓައިދޭންވެސް އެމެރިކާއިން ވަނީ ބައެއް ގައުމުތަކާއެކު ޖޮއިންޓް އެއްބަސްވުންތަކެއް ހަދާފައެވެ.

ޔޫކްރައިން ހަނގުރާމަ ދިގުލައި ދާއިރު، އެ ހަނގުރާމަ އަކީ، މިހާރު ހާއްސަކޮށް އެމެރިކާއާއި ރަޝިއާ އާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށް މުރާސިލުން ބުނެއެވެ. ޔޫކްރައިން އަށް ބޭނުންވާ އަސްކަރީ އެހީދޭ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އެހީއެއް ދިނީ އެމެރިކާއިން ކަމަށް ވާއިރު، ޒެލެންސްކީގެ މި ދަތުރުގައި ވެސް އެމެރިކާއިން ވަނީ 128 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ބުނެފައެވެ. އަދި އެމެެރިކާގެ ފަހުރެއް ކަމުގައި ދެކޭ އެބްރަމްސް ޓޭންކްގެ 31 ޓޭންކް މިފެށޭ ހަފްތާގައި ޔޫކްރައިންއަށް ދާނެއެވެ. މިއީ އީރާގު ހަނަގުރާމައިން ފެށިގެން އެމެރިކާއިން ކުރި އަދި ކުރާ ކޮންމެ ހަނގުރާމައެއްގައި ބޭނުން ކުރާ ކާމިޔާބު އަދި ވަރުގަދަ ޓޭންކްތަކެކެވެ.