ރިޝްވަތު ދިނުން އާންމުވެއްޖެނަމަ އެއީ ހަރާމް ކަމެއް ކަމަށް ހީނުވާ ދަރަޖައަށް އެކަން ފެތުރިގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުކުރު ހުތުބާގައި ބުނީ ރިޝްވަތު ދިނުން ފަދަ ނޭދެވޭ އަމަލުތައް އާންމުވެއްޖެނަމަ އެއީ ނުބައި ކަމެއް ކަމަށް ހީނުވާ ދަރަޖައަށް އެކަން ފެތުރިގެންދާނެ ކަމަށެވެ. އަދި އެއީ ހަދިޔާ ބަދަލު ކުރުން ފަދަ ކަމެއްގެ ގޮތުގައި ހީވެދާނެ ކަމަށެވެ. ނަމަވެސް ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި އެއީ ހައްގާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ ޒަހަރެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލުމަށް އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ސަބަބަކީ އެއީ ވަރަށް ސިއްރު ގޮތުގައި ކުރެވެމުންދާ ކަމަކަށްވާތީއެވެ.
ވަރަށް ގިނަ މުޖުތަމައުގައި ރިޝްވަތުގެ އަމަލުތައް އާންމުވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ބައެއް މުޖުތަމައު ތަކުގައި ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އަދި އެފަދަ މުޖުތަމައު ތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރެފައިވާ ކަމަށާއި މިއީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓުމަށް މެދުވެރިވެގެންދާ ކަންކަން ކަމަށެވެ.
ރިޝްވަތުގެ ސަބަބުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭނެ ކަމަށާއި ރާއްޖެ ވެސް ރިޝްވަތުގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް، އެއްޗެއް، މަންފާއެއް ނުވަތަ ކަމަކުން ބަރީއަވެ، ސަލާމަތްވުމަށް ފައިސާ ނުވަތަ އެހެންވެސް އެއްޗެއް ބަޔަކަށް ނުވަތަ ފަރާތަކަށް ހޯދާ ދިނުމެވެ. ރިޝްވަތުދޭ މީހާ، ރިޝްވަތު އުފުލާ މީހާ (ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވާ މީހާ) އަދި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލައުނަތް ލައްވާފައެވެ.
ރިޝްވަތު ހަރާމް ކުރައްވާފައި ވަނީ ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީއެވެ. އަދި އެއީ ހައްގަށް ދެކޮޅަށް ކުރެވޭ ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭ ހަތިޔާރަކަށްވާތީއެވެ. ރިޝްވަތު އާންމުވެއްޖެނަމަ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި ރުޅިވެރިކަމާއި އަދާވަތްތެރިކަމުގެ ޝިކާރައަކަށް މުޖުތަމައުގެ ފަރުދުން ވެގެންދާނެ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ރިޝްވަތަކީ ހަރާމް އެއްޗަކަށް ވީ ހިނދު އެފަދަ ފައިސާއެއް ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ ހަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު ނަރަކައަށް މާ ހައްގުކަން ބޮޑުކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ.
ރިޝްވަތު ވާނީ ކަށްވަޅު އަނދިރިކޮށް އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗެއް ކަމަށް މާތް ﷲ ވަނީ ވަހީ ކުރައްވާފައެވެ. އަދި ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތި ކައިބޮއެ އުޅުމާއި އުނުފޭރާން ލުމަކީ އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެ ކަމެއް ކަމަށާއި ދުއާ އިޖާބަ ނުކުރައްވާނެ ކަމެއް ކަމަށް ރަސޫލާ ވަނީ ހަދީސް ކުރައްވާފައެވެ.
އެންމެ ހަލާލު އެއްޗަކީ ހަލާލު މަސައްކަތެއް ކޮށްގެން އިންސާނާ އަމިއްލައަށް ހޯދާ އެއްޗެއް ކަމަށާއި އޭގައި ބަރަކާތް ލެއްވިގެންވާއިރު އޭގެ ސަބަބުން ހަޔާތުގައި ބާއްޖަވެރިކަން ލެއްވިގެން ދާނެއެވެ. އެހެންކަމުން ރިޝްވަތު ހިފާ އަމިއްލަ އަތުން އަމިއްލަ ނަފްސު ހަަލާކުގެ ތެރެއަށް ވައްޓާލުމުގެ ބޭނުމެއް ނެތް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި އިތުރަށް ބުނީ ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި މަސައްކަތުގައި ބައިވެރިވާ މީހުންގެ އީމާންކަން ނެތުމާއި، ރިޒުގު ދެއްވަނީ މާތްﷲކަން ގަބޫލު ނުކުރުން، މާތްﷲ ހަރާމް ކުރައްވާފައިވާ ގޮތްގޮތުން ފައިސާ އަދި ތަކެތި ހޯދިޔަސް އެތަކެތީގައި ބަރަކާތް ނުހުހްނާނެ ކަން ގަބޫލު ނުކުރުމާއި އެ ގޮތަށް އުޅެންވެއްޖެނަމަ އުޅެން ޖެހޭނީ މުޅި އުމުރުގައި ވެސް އުޅެން ޖެހޭނީ އެހެން ކަން ހިތަށް ނޭރުމުގެ އިތުރުން ލިބޭ މިންވަރަށް ޝުކުރު ނުކުރުން (މިންވަރަށް އީމާން ނުވުން) ހިމެނޭ ކަމަށް އިލްމުވެރިން ވަނީ ބުނެފައިވާ ކަމަށެވެ.
މުދަލަށް ރައްކާތެރި ވުމަށާއި އެ މުދާ ހެޔޮގޮތުގައި ހޭދަ ކުރުމަށް ހުތުބާގައި ގޮވާލައިފައިވާއިރު މުދަލާއި ފައިސާ ހޯދި ގޮތާއި ހޭދަ ކުރި ގޮތާމެދު މާތްﷲގެ ދަރުބާރުގައި ސުވާލު ވެވޭނެ ކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.