ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހާއްސަ ގާނޫނެއް މަޖިލީހުގެ ތެރެއިން އެކުލަވާލައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ އަތޮޅަށް ފެއްޓެވި ދަތުރުގައި އެ އަތޮޅު ކަމަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކަށް އިންޓަނޭޝަނަލް ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައި ވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމުގައި ހިމެނޭ ހުރިހާ ކަމެއް ހިމަނައިގެން ސަރުކާރުގެ ނިޒާމުގައި އެކަމަށްް ދޭންޖެހޭ އިސްކަން މަޖުބޫރުވާ ވަރަށް ހައްދަވާނެ ކަމަށެވެ. މިހާރު ދިމާވެފައިވާ ނަފްސާނީ މައްސަލަތައް ގެދޮރުވެރިކަމާވެސް ގުޅިފައިވާ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމާއި ފުދުންތެރިކަން އިތުރު ކޮށްގެންވެސް އެކަން ހައްލުކުރެވިގެން ދާނެ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާއްސަ ވަޒީފާތަކެއް ދިންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަން މިހާރު ނުހިނގާ ކަމަށާއި އެ ސިޔާސަތު އަލުން ފައްޓަވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ފުރުސަތުތައް ހޯދައިދީ އޯލް އިންކްލޫސިވް ސޮސައިޓީ އަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެފަދަ ކުދިންނަސް ހާއްސަ އިސްކަމެއް ދީގެން ޓީޗަރުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދުމާއި ސްކޫލްތަކަށް ޖާގަ އިތުރުކުރުމަށް މީގެ ކުރިން ސަރުކާރުގެ ބަޖެޓުން ނުދޭ ވަރުގެ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މާލޭގެ އިތުރުން ކޮންމެ އަތޮޅެއްގައި މާލެ އާ އެއްފެންވަރެއްގައި އެކުދިންނަށް ކިޔަވައިދެވޭނެ ފެންވަރު ރަނގަޅު ސްކޫލްތައް ހަދާދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޑައިލެސިސް ހަދާ ފަރާތްތައް ގިނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާލޭގެ ފެސިލިޓީ ރަނގަޅު ކުރާ ވާހަކަ މީގެ ކުރިން ވެސް ވިދާޅުވި ކަމަށާއި އޭގެ އިތުރުން ކޮންމެ އަތޮޅެއްގައި ވެސް މައި އެއް ހޮސްޕިޓަލުގައި މާލޭގައި އަޕްގްރޭޑް ކުރެވޭ ފެންވަރުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެކަންކަން އަދި ކުރެވެނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ބަޖެޓުގައި ވަރަށް އިސްކަމެއް ދީގެން މީހުން ބިނާކުރުމާއި ވަސީލަތް އިތުރުކުރުމާއި މާހައުލު ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން މާލެއާ އެއް ފެންވަރެއްގައި މާލޭގެ އިތުރުން އުތުރާއި ދެކުނުގައި މިފަދަ އެއް މަރުކަޒު ގާއިމް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ހެލްތް ސެކްޓާގެ ބަޖެޓުގައި ޕްރިވެންޓިވް ހެލްތް ކެއާއަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށާއި ނެޝަނަލް ހެލްތް ލެބޯޓްރީ އުފެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރަށެއްގެ ހެލްތް ސެންޓަރެއްގައި އެރަށަކާ އެކަށީގެންވާ ފެންވަރުގެ ލެބޯޓްރީތައް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑީގެ އުސޫލަށް އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި ޒަމާނުގެ ތައުލީމު ދިނުމުގައި އާޓިފިޝަލް އިންޓެލިޖަންސާއި ވާޗުއަލް ރިއަލިޓީގެ މިހާރުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބޮޑެތި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގައި ރަނގަޅު ފެންވަރުގެ ލައިބްރަރީތައް ގާއިމް ކުރެވި ފޮތްކިޔުމަށް ކުދިން ހިތް ޖައްސުވަން ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.