ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ އެ ފަރާތްތަކުން ފެނަކަ އޮފީސް ކުރިމަތީގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ މީހުން ފެނަކަ އޮފީސް ސަރަހައްދަށް އެއްވެ އިހްތިޖާޖު ކުރަމުން ދާއިރު އެ ފަރާތްތަކުން ދަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

އިހުތިޖާޖުގެ ބައިވެރިން އަންނަނީ "މައިފޫނާ ސައީދު އިސްތިއުފާ، ކޮރަޕްޝަންގެ ތުހުމަތުގައި ސައީދު ހައްޔަރުކޮށް ތަހުގީގު ކުރޭ" މިފަދަ ބޯޑުތައް ހިފައިގެން ޝުއޫރުތައް ފާޅު ކުރަމުންނެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސައީދުގެ މައްސަލަ ބެލުމަށް ހުށަހެޅުމުން ލާރިދީ އެ މައްސަލަ އޮއްބާލާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފެނަކައިން ދޭން ޖެހޭ ފައިސާ ދީފައިވާނަމަ މިއަދު އެ ފަރާތްތަކުން އިހުތިޖާޖު ކުރަން ނުޖެހޭނެ ކަމަށާއި ފެނަކައިން ފައިސާ ނުދިނުމުން އެތައް ކުންފުނިތަކެއް ބަނގުރޫޓުވެ އާއިލާތައް ބިކަވެފައިވާ ކަމަށް ވެސް އެ އިހްތިޖާޖުގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ. އަދި އެކަމުގެ ޒިންމާ ސައީދު ނަގަންޖެހޭނެ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެއްވެ ތިބި ފަރާތަކުން ސައީދާއި ފެނަކައިގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުންދާއިރު އޭގެތެރެއިން ބައެއް ފަރާތްތަކުން ބުނަމުންދަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުވައްޒަފުންނަށް ބިރު ދައްކައިގެން ލިބުނު ވޯޓުވެސް ދެވަނަ ބުރުގައި ރައީސް ސޯލިހަށް ނުލިބޭނެ ކަމަށެވެ.