ރ. ރަސްގެތީމުގައި ނުނިމެނީސް ރިބަން ކެނޑި ނަރުދަމާއާއި ފެނުގެ މަސައްކަތް ނިންމާ ހަވާލު ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު އެ އަތޮޅުގެ ރަސްގެތީމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ދުވަސް ކައިރިވެއްޖެ ކަން ފާހަގަ ކުރައްވާ ފުރަތަމަ ބުރުގައި އެރަށުން ހޯދި ކާމިޔާބަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައިދޭނެކަމަށް ޔަަގީން ކުރައްވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު ފެށިފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށާއި ކޮންމެ ރަށެއްގައިވެސް ފެށިފައި ހުރި މަސައްކަތްތަކާއި ފަށަން ތައްޔާރު ވެފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

މުއިއްޒު ވަނީ ރަސްގެތީމުގެ ބަނދަރުގައި ހުރި މައްސަލަތަކާއި އޮޑިއެހެލާތަނެއް ވަކިން ހެދުމަކީ އެ ރަށުގެ މީހުން އެދޭ ކަމެއް ކަމަށާއި އޮޑި އެހެލާ، އޮޑި މަރާމާތު ކުރެވޭނެ ގޮތަށް ތަނެއް ހަދާއިރު ބަނދަރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ސްކޫލުގެ ޖާގަ އިތުރު ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަސްގެތީމުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅު ކޮށްދެއްވާނެ ކަމަށާއި ކުނި މެނޭޖްކުރުމަށް ކޮންމެ ރަށެއްގެ ވެސް ނިސްބަތުން ރަނގަޅު ނިޒާމެއް ގާއިމު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވާ ވިދާޅުވުން އެ ރަށުގައިވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރަސްގެތީމުހެ ފުޓްސަލް ދަނޑުގައި ވަށާއި ޖަހާފައިވާ ފެންސް ހަލާކުވެފައި ވާ ކަމަށާއި ވާރޭ ވެހޭއިރު އެ ރަށުގެ މިސްކިތަށް ފެން ފޭބުން ފަދަ މައްސަލަތަކަށް ހައްލު ކުރުމަށް ވައުދު ވެވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް އެކަން ކަމަށް ވައުދު ވެވަޑައިގަންނަވަން ޖެހެނީ މި ސަރުކާރުގެ ދޯދިޔާ ކަމުގެ ސަބަބުން ކަމަށެވެ.

ރަސްގެތީމުގެ ނަރުދަމާއާއި ފެނުގެ މަސައްކަތް ނުނިމެނީސް ރިބަން ކެނޑިވާހަކަ އަޑުއެއްސެވި ކަމަށާއި އެގޮތަށް ކަންކައް ކޮށްފައިވާ ދެތިން ރަށެއް ދިމާވެއްޖެ ކަމަށް ވިދާޅުވެ އެ ރަށުގެ ރިބަން ކަނޑާފައިވާ އެ މަސައްކަތް އަސްލު ނިންމެވުމަށް ފަހު ހަވާލު ކޮށްދެއްވާނީ އޭނާ ކަމަށް ވިދާޅުވެފައެވެ.