ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު ޒިންމާދާރު ކުރާ ދާއިމީ ކޮމިޓީތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ނޯންނަ ގޮތަށް ޑިމޮކްރެޓްސް އިން ހުށަހެޅި އިސްލާހުތަކާ އެކު، ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމިޓީތައް މިއަދު އަލުން އެކުލަވާލައިފިއެވެ.

ކޮމިޓީތަކާ ގުޅޭ ގޮތުން ހުށަހަޅާފައި ދެ އިސްލާހެއްގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލް ކުރައްވާ ގޮތަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. މި އިސްލާހަށް ތާއިދުކުރައްވާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ.

އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު ޒިންމާދާރު ކުރަންޖެހޭ ކޮމިޓީތައް، ހާއްސަ ގޮތެއްގައި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ފަދަ ކޮމިޓީތަކުގެ މުގައްރިރު ކަން ސަރުކާރަށް ނިސްބަތް ނުވާ މެންބަރުންނަށް ދިނުމަށް ފެންނަ ކަމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވޯޓުގައި ވަނީ 28 މެންބަރުން ބައިވެރިވެ ވަޑައިގެންފައެވެ. ފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވާފައިވާ އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ނުވަ މެންބަރުންނެވެ.

ދެން މަޖިލީހުގައި ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލް ކުރާ ގޮތުގެ އޮޕްޝަން 1 އަށް ވޯޓަށް އަހާފައެވެ. އެ ވޯޓުގައި 16 މެންބަރުން ބައިވެރިވެ ވަޑައިގެންފައި ވާއިރު، އެ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ފެންނަ ކަމަށެވެ.

އޮޕްޝަން 1 ގެ ތަފްސީލް:

  • އާންމު ކޮމިޓީ: ޖުމްލަ އަދަދު 8 މެންބަރުން. އެއީ އެމްޑީޕީގެ 5 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރުން އަދި ވަކި ޕާޓިއަކަށް ނިސްބަތްނުވާ އެއް މެންބަރެވެ.
  • ޕެޓްޝަން ކޮމިޓީ: ޖުމްލަ އަދަދު 8 މެންބަރުން. އެއީ އެމްޑީޕީގެ 6 މެންބަރުން އަދި ޑިމޮކްރެޓްސްގެ 2 މެންބަރުން ހިމެނެއެވެ.
  • އިމްތިޔާޒް ސުލޫކީ ކޮމިޓީ: ޖުމްލަ އަަދަދު 13 މެންބަރުން. އެއީ އެމްޑީޕީގެ 8 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 1 މެންބަރާއި، ޕީއެންސީގެ 1 މެންބަރާއި، އެމްޑީއޭގެ 1 މެންބަރާއި، ޖޭޕީގެ 1 މެންބަރާއި އަދި ވަކި ޕާޓިއަކަށް ނިސްބަތްނުވާ އެއް މެންބަރެވެ.
  • ގަވާއިދު ކޮމިޓީ: ޖުމްލަ އަދަދު 10 މެންބަރުން. އެއީ އެމްޑީޕީގެ 6 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރާއި، އެމްޑީއޭގެ 1 މެންބަރެވެ.
  • މާލިއްޔަތު ކޮމިޓީ: ޖުމްލަ އަދަދު 15 މެންބަރުން. އެއީ އެމްޑީޕީގެ 9 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރާއި، ޕީއެންސީގެ 1 މެންބަރާއި، އެމްއެންޕީގެ 1 މެންބަރާއި، އެމްޑީއޭގެ 1 މެންބަރެވެ. އަދި މި ޕާޓީގެ މުގައްރިރެއްގެ ގޮތުގައި އިންނަވާނީ ސަރުކާރު ޕާޓީ ނޫން ޕާޓީއެއްގެ މެންބަރެކެވެ.
  • އިގްތިސޯދީ ކޮމިޓީ: ޖުމްލަ އަދަދު 14 މެންބަރުން. އެއީ އެމްޑީޕީގެ 8 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 1 މެންބަރާއި، ޕީއެންސީގެ 1 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރާއި، އެމްޑީއޭގެ 1 މެންބަރާއި، ޖޭޕީގެ 1 މެންބަރާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 1 މެންބަރެވެ.
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ޖުމްލަ އަދަދު 12 މެންބަރުން. އެއީ އެމްޑީޕީގެ 7 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރާއި، ޕީއެންސީގެ 1 މެންބަރާއި، އެމްއެންޕީގެ 1 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރެވެ.
  • ގައުމީ ތަރައްގީގެ ކޮމިޓީ: ޖުމްލަ އަދަދު 8 މެންބަރުން. އެއީ އެމްޑީޕީގެ 6 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރެވެ.
  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ޖުމްލަ އަދަދު 13 މެންބަރުން. އެއީ އެމްޑީޕީގެ 8 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 1 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރާއި، ޕީއެންސީ 1 މެންބަރާއި، އެންއެންޕީ 1 މެންބަރާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ 1 މެންބަރެވެ.
  • ޖުޑިޝަރީ ކޮމިޓީ: ޖުމްލަ އަދަދު 11 މެންބަރުން. އެއީ އެމްޑީޕީގެ 7 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 1 މެންބަރާއި، ޕީޕީއެމްގެ 1 މެންބަރާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ 1 މެންބަރެވެ.
  • އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ: ޖުމްލަ އަދަދު 10 މެންބަރުން. އެއީ އެމްޑީޕީގެ 7 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރާއި، ޖޭޕީގެ 1 މެންބަރެވެ.
  • ހިއުމަން ރައިޓްސް ކޮމިޓީ: ޖުމްލަ އަދަދު 10 މެންބަރުން. އެއީ އެމްޑީޕީގެ 7 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރުންނާއި، އެންއެންޕީ 1 މެންބަރެވެ.
  • ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ: ޖުމްލަ އަދަދު 13 މެންބަރުން. އެއީ އެމްޑީޕީގެ 8 މެންބަރުންނާއި، ޑިމޮކްރެޓްސްގެ 2 މެންބަރުންނާއި، ޕީޕީއެމްގެ 1 މެންބަރާއި، ޕީއެންސީ 1 މެންބަރާއި، އެންއެންޕީ 1 މެންބަރެވެ.

މި އޮޕްޝަން ފާސްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ކޮމިޓީތަކުގައި ހިމަނަން ބުނެފައިވާ އަދަދާ އެއްގޮތަށް އެ ޕާޓީއެއްގެ ޕީޖީ ގްރޫޕްގެ ލީޑަރުންނަށް ނަން ހުށަހެޅުމަށް މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި ޕީޖީ ގްރޫޕްތަކުން ޕާޓީއަށް ދީފައިވާ އަދަދަށް މެންބަރުންގެ ނަން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެހެންކަމުން މާދަމާގެ މެންދުރަށް އެ އަދަދުތަކަށް މެންބަރުންގެ ނަން ހުށަހަޅުއްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުގައި އެ އަދަދާ ގުޅިގެން ވޯޓަކަށް އަހަން ޖެހޭ ކަމަށެވެ. އެއީ އެ ބޭބޭފުޅުން ކޮމިޓީތަކުގައި ތިއްބަވާ ކަމަށް އަހާ ވޯޓެކެވެ.

މި ކޮމިޓީތަކުގެ ތެރޭގައި 241 ކޮމިޓީ ހިމަނާފައެއް ނުވެއެވެ. އެ ކޮމިޓީއަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެންބަރުން ބައިތިއްބަން ޖެހޭ ކޮމިޓީއެއް ކަމުން އެ ކޮމިޓީގެ މެންބަރުން ތިބޭނީ އެގޮތުގެ މަތިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމިޓީތަކަށް ކުރިން ވެސް އިސްލާހެއް ހުށަހަޅައިފައި ވީ ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ދެކޮޅު ހަދާފައި ވާތީ އެ ގޮތަށް މީގެ ކުރިން ފާސްވެފައެއް ނުވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާ ގާތްވެފައި ވަނިކޮށް މި ގޮތަށް ފާސްކުރަން މިފަހަރު އެމްޑީޕީގެ މެންބަރުން ދޫދެއްވާފައި ވަނީ ޑިމޮކްރެޓްސްއާ އެކީ އެމްޑީޕީން ކުރާ މަޝްވަރާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.