ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ވަމުންދާ ތައްޔާރީތަކާ އެކު، މާލޭގެ މަގުތައް ބަންދު ކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ރިޔާސީ އިންތިހާބު 2023 ގައި މާލެ ސަރަޙައްދުގައި ގިނަ ވޯޓު ފޮށިތަކެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމާފައިވާކަމަށެވެ. އެހެންކަމުން ލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވާނެތީ ދިވެހި ފުލުހުންގެ މަޝްވަރާއާއި އެކު ސެޕްޓެމްބަރު 29 2023 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 01 2023 އަށް މާލޭގެ މަގުތައް ބަންދު ކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރަން ނިންމާފައިވާ ކަަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު އޭގެ ތެރެއިން 176 ވޯޓު ފޮށި ބަހައްޓާފައިވަނީ މާލެ ސަރަހައްދުގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މާލެ ސިޓީގައި ވޯޓުލުމަށް ގިނަ ބަޔަކު ކިއުގައި ޖެހިފައިވާއިރު ވޯޓުލާ މަރުކަޒުތަކުގައި ދުވަސްވީ މީހުންނަށް އިށީދެ އިނދެވޭނެ ރަނގަޅު އިންތިޒާމެއް ނެތްކަމުގެ ޝަކުވާތައް ވަނީ ކުރިމަތިވެފައެވެ. އަދި ކިޔުގައި ދެތިން ގަޑިއިރު މަޑުކުރަން ޖެހުމުން ދުވަސްވީ ބައެއް ފަރާތްތަކަށް ވޯޓުލުމުގައި ގިނަ ދަތިތަކާ ކުރިމަތިވި ކަމުގެ ޝަކުވާތައްވެސް ވަނީ އައިސްފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ޓްރެފިކް ބާރު ބޮޑުވުމާ ގުޅިގެން ވޯޓުލާ މަރުކަޒުތަކާ ހަމައަށް ދިއުމުގައިވެސް ގިނަ ދަތިތަކެއް ކުރިމަތިވިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރުގައި މި މައްސަލަތައް ހައްުލުކުރުމަށް ކަމާ ބެހޭ އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.