ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމަށްޓަކައި ދޭ މި ފަންޑަކީ ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށްދޭ ފަންޑެެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ސްކޮލާޝިޕްއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން 3 ދަރިވަރުންނަށް ސްކޮލާޝިޕް ދޭން ބީއެމްއެލްއިން ނިންމާފައިވާއިރު މި ސްކޮލާޝިޕްއަށް ހުށަހަޅާ ފަރާތްތަކަކީ އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިން ކަމުގައި ވާންޖެހެއެވެ. އަދި އޭ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ލިބޭ ދާއިރާތައް:

  • ބޭންކިން
  • ފައިނޭންސް
  • އެކައުންޓިން
  • ފައިނޭންޝަލް ޓެކްނޮލަޖީ
  • ފައިނޭންޝަލް އިންޖިނިއަރިން
  • ރިސްކް މެނޭޖްމަންޓް
  • ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް

މި ސްކޮލާޝިޕް ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޮލާޝިޕް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ. މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބީއެމްއެލްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.