މާލެ މަސްޖިދުލް އިބްރާހިމް އިން ފައިވާނެއް ވަގަށް ނެގި މީހަކު 1 މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތުގައި، މާލޭގައި ހުންނަ މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރަން ހުންނަ ސިޑިބަރި ކައިރީގައި ހުރި ހަރުގަނޑެއްގައި ބަހައްޓާފައި ހުއްޓާ، "ގަމްބޯލް" ބްރޭންޑްގެ ކަނޑު ނޫ ކުލައިގެ ފައިވާނެއް ވަގަށް ނަގާފައި ވާތީ ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް، މާދަޑު ބިއްދަރީގެ އިބްރާހިމް އަހްމަދުގެ މައްޗަށެވެ.

އިބްރާހިމް ދައުވާއަށް ޖަވާބުދާރީ ވަމުން ބުނެފައި ވަނީ ދައުވާގައި ބުނެފައިވާ ހާދިސާ ހިނގާފައިވާ ކަމަށާއި އެއްވެސް މަޖުބޫރު ކަމެއް ނެތި ހަމަ ބުއްދީގައި ހުރެ އެ ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި އިސްލާހު ވެގެން އެނބުރި މުޖުތަމައުއަށް އައުމަށް ބޭނުންވާ ކަމަށާއި ވީހާވެސް އަވަހަށް މައްސަލަ ނިންމާ ދިނުމަށް އެދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ދައުވާއަށް އިބްރާހިމް އިއުތިރާފު ވެފައި ވާތީ މައްސަލަ އަވަސް ނިޔާއިން ބެލުމަށް ހުށަހަޅާ އަވަސް ނިޔާގެ އަޑުއެހުމެއް ބާއްވާފައި ވާއިރު އެ އަޑުއެހުމުގައި ވެސް އޭނާ ވަނީ ދައުވާއަށް ވީ އިއުތިރާފު ދަމަހައްޓަން ބޭނުންވާ ކަމަށާއި އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހަމަ ބުއްދީގައި ހުރެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ބުނެފައެވެ.

އިބްތިދާއީ އަދި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި ވެސް ދައުވާއަށް ފުރިހަމަ އިއުތިރާފު ވެފައި ވާތީ އިބްރާހިމް އެ ކުށް ކުރި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީއަތަށް ސާބިތުވާ ކަމަށާއި އަމިއްލައަށް އިއުތިރާފު ވެފައި ވާތީ 1 ދަރަޖައަށް އަދަބު ދަށް ކުރަންޖެހޭ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

އެ ކުށަކީ ޖުނަހް 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާގެ ކުށުގެ ރިކޯޑަށް ބަލާ އަދަބު މަތި ކުރުމުގެ ހާލަތެއް ނެތް ކަމަށާއި އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމަށާއި މުޖުތަމައަށް ގެއްލުންވާނެ ކަމެއް ނުކުރާނެ ކަމަށާއި އިސްލާހް ވެ ރަނގަޅުވާނެ ކަމަށާއި ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށް އެނާ އެދި ކަމަށް އަމިއްލައަށް އިއުތިރާވެފައި ވާތީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

އިބްރާހިމް ބަންދުގައި 20 ދުވަސް ހޭދަކޮށްފައި ވާތީ އެ މުއްދަތު އަދަބުން އުނިކޮށް އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބަކީ 1 މަހާއި 4 ދުވަހުގެ ޖަލު އަދަބެކެވެ.