ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓާނެޓް އަދި މޯބައިލް ބޭންކިން އަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ކަމަށެވެ.

މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓާނެޓް އަދި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެ ކަމަށާއި ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސް އަކުން ވެސް ލޮގްއައުޓް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީކަސް ޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް ނުހަނު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗާއެއް ކަމަށާއި މި ފީޗާ ގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލާ، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި މަސްތަކުގައި ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ބޭންކުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ޖޫން މަހު ބޭންކުން ތައާރަފްކުރި ކުއްލި ހާލަތްތަކުގައި އިންޓާނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް'އާއި މެއި މަހު ތައާރަފްކުރި އިންޓާނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓާ އޮތަންޓިކޭޝަން (2 އެފްއޭ) ހިމެނެއެވެ.

މީގެ އިތުރުން މާޗް މަހު، އިންޓާނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކޮށްފައިވާއިރު މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓާނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.