އާއިލާއިން ގެއްލިގެން ހޯދަމުން އއ. މާޅޮސް ހުސްނޫވިލާ އަލީ ރިޝާންގެ އެއްވެސް ހަބަރެއް އަދިވެސް ނުވާކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ރިޝާން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް މީގެ ދެ ހަފުތާ ކުރިންކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އަދިވެސް ރިޝާންގެ ހަބަރެއްވެފައި ނުވާކަމަށާ އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ފަހަކަށް އައިސް އާއިލާއަށް ހަބަރެއް ނުވުމުގެ ސަބަބުން 'ގެއްލިގެން' ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.