ރިޔާސީ އިންތިހާބުގައި 25 ހާހެއްހާ މީހުން ރީރަޖިސްޓްރީ ވުމަށް ދެ ދުވަހެއްގެ ތެރޭގައި ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކާ ގުޅިގެން، އެ އަދަދުގެ ސައްހަކަމާ މެދު އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފެއްދެވުމުން، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް، އެމްޑީޕީގެ ފަރާތުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ދެވަނަ ފަހަރަށް ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި މިދިޔަ ދެ ދުވަހުގެ ތެރޭ 25،493 މީހަކު ވަނީ ރީރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅައިފައެވެ. ނަމަވެސް އެ އަދަދާ މެދު ސުވާލު އުފައްދަވައި މުއިއްޒު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައިނަލްއަގުވާމީ މޮނިޓަރުންނަށާއި ސިޔާސީ ޕާޓީތަކަށާއި ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒަށް ރައްދު ދެއްވައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ގިނަ ރައްޔިތުންތަކެއް ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފަން މަސައްކަތް ކުރުމަކީ މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ ކަމެއް ނޫން ކަމަށާއި، ރީރަޖިސްޓްރީ ކުރާ މީހުންގެ އަދަދު ގިނަވުމަކީ މުއިއްޒު އުފާކުރައްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ވޯޓު ލާ މީހުން ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ހުކުރު ދުވަހުން މިއަދު ހަވީރު 4 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހުކުރު ދުވަހު 9،206 މީހުން ރީރެޖިސްޓްރީވުމަށް ފޯމު ހުށަހެޅިއިރު، ދެވަނަ ދުވަހު 16،287 މީހަކު ހޮނިހިރު ދުވަހު ފޯމު ހުށަހަޅާފައިވެއެވެ

އޭގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ 1،546 ފޯމު ބާތިލްކޮށްފައިވާ ކަމަށާއި، ސަބަބަކީ ބައެއް ފޯމުތަކުގައި މައުލޫމާތު ފުރިހަމަނުވާތީ ކަމަށް، ތަފާސްހިސާބުތަކާ އެކު ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބުނީ، ދެވަނަ ބުރަށް ރީރެޖިސްޓްރީވުމަށް ހުޅުވާލި މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި ފޯމު ހުށަހަޅާފައިވާ ކަމުގެ މައުލޫމާތާއި، އޭގެ ތެރޭގައި ބައެއް މީހުންނަށް އެނގުމެއް ނެތި އެ ފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅައި، އެ މީހުން ވޯޓު ލާ މަރުކަޒު ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ބަޔާނުގައި ގޮވާލައި އާންމުންގެ ފަރާތުން އިދިކޮޅުން އެދުނީ ޝަކުވާ އަށް ހުޅުވާލެވޭ މުއްދަތުގައި ރަނގަޅު މަރުކަޒުތަކުގައި ރެޖިސްޓްރީވެފައި ވޭތޯ ބެލުމަށެވެ.