ހިންދީ ސިނަމާ ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު ޝާހްރުކް ހާން ގެ ކުރިއަށް އޮތް ފިލްމު "ދުންކީ" ރިލީޒްކުރާ ތާރީހް ހާމަކޮށްފިއެވެ.

މިހާރު ވެސް ސިނަމާތަކުގައި ޝާހުގެ ފިލްމެއް ދައްކަމުން އަންނައިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ދުންކީ" ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު ގެ 22 ވަނަ ދުވަހުއެވެ. އެއާއެކު މި ފިލްމުވެގެންދާނީ ޝާހުގެ މިއަހަރުގެ ތިން ވަނަ ފިލްމަށެވެ. މި އަހަރު ފެށިގެން އައީ ޝާހްރުކް އާއި ދީޕިކާ އަދި ޖޯން އަބްރަހަމްގެ "ޕަތާން" އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު މިހާރު ދައްކަމުން އަންނަ "ޖަވާން" ވަނީ ޝާހުގ ކުރީގެ ފިލްމުގެ ރެކޯޑުތައް މުގުރާލާފައެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ ފިލްމީދާއިރާގައި ވަރުގަދަ އެކްޝަން ފިލްމުތަކެއް ކުޅެން މިފެށީ ވަރަށް ދުވަސްކޮށްފައިކަމަށާއި އެހެންކަމުން މި ފިލްމުތައް ކުޅެވުނީ ވަރަށް ޕެޝަނޭޓްކޮށް ކަމަށެވެ. ހުރިހާ ކަމެއްވެސް ވިސްނަނީ އެންމެ ރަނގަޅަށް ކަމަށާއި ސެޓުގައި މަސައްކަތްނުކޮށް ހުރެފައި އެނބުރި އަންނަން ވުމުން ކުޑަކޮށް ހިތްބިރުގަތް ނަމަވެސް، ފިލްމުތަކަށް ތަރުހީބު ލިބެމުން ފެށުމުން ހިތްހަމަޖެހުން ލިބުން ކަމަށެވެ.

"މާޝާﷲ. ޕަތާން ވެސް ވަރަށް ކާމިޔާބު. އެއަށްވުރެ މާ ކާމިޔާބު ޖަވާން. އެހެންވެ މި ބަލަނީ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަކަށޭ،"

ރާޖްކުމާރު ހިރާނީ ގެނެސްދޭ މި ފިލްމުގައި ޝާހް ބަތަލުގެ ރޯލުން ފެނިގެންދާއިރު ބަތަލާގެ ރޯލުން ފެންނާނީ ތާޕްސީ ޕަންނޫއެވެ. އަދި ސްޕެޝަލް އެޕެއަރަންސުން އެކްޓަރު ވިކީ ކޯޝަލް ވެސް ފެނިގެންދާނެއެވެ.