ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުތުރު ތިލަފަޅުގައި 'ބޮޑު މަޝްރޫއެއް' ހިންގުމަށް އިންޑިއާ ސަރުކާރާ އެކު އޭރު އެއްބަސްވެފައި އޮއްވައި، އެ ތަނުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރަށް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖެެއްސީ މި ސަރުކާރުން ކަމަށް، ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ 'އެކަތަ' ބަނދަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭއްވުމަށާއި އެ އުޅަނދުފަހަރު ތަރައްގީކުރުމުގެ މަގްސަދުގައި ތަރައްގީކުރަމުންދާ ބަނދަރެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އުތުރު ތިލަފަޅާ ގުޅޭ ގޮތުން އެންމެ ފުރަތަމަ މީގެ 10 އަހަރުކުރިން އިންޑިއާގެ އޭރުގެ ޑިފެންސް މިނިސްޓަރު އޭކޭ އެންޓޮނީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި އަސްކަރީ 'ބޮޑު މަޝްރޫއެއް' ހިންގުމަށްޓަކައި ޔާމީންގެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހެޅި ކަމަށާއި އޭގެ ތިން އަހަރު ފަހުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވުނު 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން' ގައި ވެސް އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު މަޝްރޫއެއް ހިންގުމަށް އެއްބަސްވެފައިވާ ކަމަށް، ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނި ގޮތުގައި، ޔާމީންގެ ސަރުކާރުން އިންޑިއާ ސަރުކާރަށް ހުށަހެޅި ކޮންސެޕްޓް ހަނިކޮށް، މި ސަރުކާރުން 2019 ގައި ހަމަޖެއްސީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބާއްވާނެ ބަނދަރަކާއި އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށެވެ.
އުތުރު ތިލަފަޅުގައި ތަރައްގީކުރާ ބަނދަރުގެ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ އަމިއްލަ މިލްކެއް ކަމަށް ބުނާ ބުނުން ޑިފެންސް މިނިސްޓްރީން މިއަދު ވެސް ތަކުރާރުކުރިއެވެ. އެ މިނިސްޓްރީން ތަކުރާރުކޮށް ދިނީ، އެހެން އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭނެ ކަމުގެ ޔަގީންކަމެވެ. އަދި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތައް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ރާއްޖެ މިހާރު މި އޮތީ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން އެދުނީ ސިފައިންގެ ތަރައްގީ އަށް ހިންގޭ މިފަދަ ކަންކަމަށް ހުރަސްއެޅުން ހުއްޓާލުމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި އުތުރު ތިލަފަޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ލިއެޓުނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ ކަމަށާއި ކުރިމަގުގައި ވެސް އެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ. ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަން މަތީގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ ސިފައިންގެ ސީދާ މައިގަނޑު މަގްސަދު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސިފައިން އަބަދު ވެސް އެ ގޮތުގައި ދެމިތިބޭނެ ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތަށް ބުރޫ އަރާ ފަދަ ކަމެއް ކުރަން ސިފައިންގެ އެއްވެސް މީހަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ދީގެން ވެސް ނުވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އެކަން ތާރީހުގައި ވެސް ދިވެހި ސިފައިން ދައްކުވައިދީފައި އޮތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ކުރިމަގުގައި ވެސް ކަން ކުރައްވާނީ ހަމަ އެގޮތަށެވެ.