ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ބްލޮކެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި، އެ ތަނުގައި ދިރިއުޅޭ މަސައްކަތްތެރިން އެހެން ބްލޮކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރުފަހު 2:35 ގައި ރޯވި އަލިފާންގަނޑު ބައިގަޑިއިރުގެ ތެރޭގައި ނިއްވާލެވުނު ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. މުޅި ބްލޮކް އެއްކޮށް އަނދާފައިވާ ކަމަށާއި، ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހްމަދު އަބްދުﷲ ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ވަގުތަކީ މަސައްކަތްތެރިން ވޯކް ސައިޓުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތު ކަމަށާއި، ހާދިސާ ހިނގި ވަގުތު އެތަނުގައި ބިދޭސީ އެއްވެސް މަސައްކަތްތެރިއަކު ނެތް ކަމަށެވެ.
"މުޅި ތަނުގަ ބޭނުންކުރެވޭ ގޮތަކަށް ނެތް އެއްވެސް އެއްޗެއް، ހުރިހާ އެއްޗެއް އަނދައިގެން ހިނގައްޖެ،" ހާދިސާގެ ތަފްސީލު ހިއްސާ ކުރައްވައި އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ހަދަމުންދާ އެކޮމޮޑޭޝަން ބްލޮކަކަށް ބިދޭސީ މަސައްކަތްތެރިން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އަހްމަދު ވިދާޅުވިއެވެ.