އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގި މީހަކު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގުމުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ނަދީމް އަލީ ކިޔާ މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައި ވާތީ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލު ހިންގި ކަމަށް އޭނާ އިންކާރު ނުކުރާ ކަމަށް ވެސް އެ އަމުރުގައި ވެއެވެ.

އޭގެއިތުރުން އޭނާ އަކީ މީގެ ކުރިން ވެސް މިފަދަ އަމަލު ހިންގުމުގެ ކުށުގެ ރިކޯޑު އޮތް މީހަކަށް ވާއިރު ކުށް ތަކުރާރު ކުރުމުގެ އިހްތިމާލު ބޮޑު ކަމަށް ގަބޫލު ކުރެވޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވެއެވެ.