ފަރުނީޗަރުތަކެއްގެ ތެރޭގައި ފޮރުވައިގެން ދުބާއީއަށް އެތެރެކުރަން އުޅުނު 1 ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދުބާއީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލްއަށް ލިބުނު މައުލޫމާތާ ގުޅިގެން 'އޮޕަރޭޝަން ސްޓޯން' ގެ ނަމުގައި އެ ގައުމުގެ ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކުން ކުރިއަށް ދިޔަ ވަރުގަދަ އޮޕަރޭޝަނުގައި 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ދުބާއީ ފުލުހުން ބުނީ އެ ގައުމުގެ ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 14 ޓަނު ހުންނާނެ ކަމަށާ އެތަކެތީގެ މަގުމަތީ އަގު 1.1 ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި މަސްތުވާތަކެތި ފޮރުވާފައި ވަނީ 651 ދޮރާއި އިމާރާތް ޑެކަރޭޓް ކުރާ 432 ޕެނަލް ލައިފައި އޮތް 5 ކޮންޓައިނަރުގައި ކަމަށެވެ. ފުލުހުން ބުނީ އަތުލައިގަތް މަސްތުވާތަކެތި ހުރީ ހާއްސަ ޕެކިންއެއްގައި ރައްކާކޮށްފައި ކަމަށެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ. މި އޮޕަރޭޝަނުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތުގައި އުޅުނު ކަމަށް ޝައްކު ކުރެވޭ މީހުންގެ ހަރަކާތްތައް ވެސް ވަނީ ރިކޯޑް ކޮށްފައެެވެ. ފުލުހުން ވަނީ އެ 6 މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން ހުރި ބައެއް ކަމަށް ތުހުމަތު ކޮށްފައެވެ.