ބައިވަރު މީޓިންތަކެއް ނިމި ގޮސްފައި ވާ އިރު ޗައިނަގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ ބައިވެރިވެވަޑައިގެންފައި ނުވާތީ، އެމެރިކާގެ އިސް އޮފިޝަލުން ސުވާލު އުފައްދަވައިފިއެވެ.
އެމެރިކާއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރަހުމް އެމެނުއަލް ވިދާޅުވީ ފާއިތުވި 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޑިފެންސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ގިނަ މީޓިންތަކެއް ބާއްވާފައި ވާ އިރު އެ މީޓިންތަކުން ލީ ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
އޭނާ އެވާހަކަ ދައްކަވާފައި ވާ އިރު ޗައިނާގެ މަސްދަރަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި މިއަދު ބުނެފައި ވަނީ ލީ ހުރީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.
ބައެއް ހަބަރުތައް ބުނާގޮތުން، ލީ ސަސްޕެންޑް ކޮށްފައި ވަނީ، ޗައިނާގެ އިސް ބައެއް އޮފިޝަލުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ސިލްސިލާގެ ދަށުން ލީގެ މައްޗަށް ވެސް އެފަދަ ތުހުމަތެއް ކުރެވިގެން މައްސަލަ ތަހުގީގު ކުރާތީއެވެ. ނަމަވެސް ލީ ނުފެންނަ މައްސަލައިގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ، އެފަދަ މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އެންމެ ފަހުން ލީ ފެނިފައި ވަނީ އޮގަސްޓް 29، 2023 ގައި އެފްރިކާގެ ގައުމުތަކާއެކު ބޭއްވި ސެކިއުރިޓީ ފޯރަމަކުންނެވެ. އޭގެ ފަހުން އޭނާ އާންމުންނަށް ފެނިފައެއް ނުވެއެވެ.
ލީ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު ދާދި ފަހުން ވަނީ ޗައިނާގެ ހާރިޖީ ވަޒީރަކަށް ހުންނެވި ކިން ގޭންގް ވެސް ނުފެންނަތާ ދުވަސްކޮޅެއް ވުމަށް ފަހު މަގާމުން ވަކިކޮށްފައެވެ.
ޗައިނާގެ އަސްކަރިއްޔާގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ކަންކަން ހިނގާ ކަމުގެ ތުހުމަތާއެކު އިސް ޖެނަރަލުންގެ ފެންވަރުގެ ވެރިން މަގާމުން ދުރުކުރަން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެފަހަރު ރޮކެޓް ސައިންސާ ގުޅޭ 2 ޖެނެރަލަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން ސިފައިންގެ މިލިޓަރީ ކޯޓުގެ ވެރިޔާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އެމެރިކާގެ މަންދޫބު އެމެނުއަލް އިތުރަށް ވިދާޅުވީ، ދާދި ފަހުން ލީ ވިއެޓްނާމަށް ކުރައްވަން އޮތް ދަތުރެއްވެސް ކެންސަލް ކޮށްފައި ވުމުގެ އިތުރުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ސިންގަޕޫރުގެ ނޭވީ ޗީފް ވަޑައިގެންނެވި އިރު އެތާނގައިވެސް ލީ ނެތް ކަމަށެވެ.
ޖެނެރަލް ލީ އަކީ ރަޝިއާއިން ހަތިޔާރު ގަން މައްސަލައިގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް މިއަހަރުގެ މާޗް މަހު އައްޔަން ކުރި ބޭފުޅެކެވެ.