ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް، ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭން ހަމަޖެހިފައިވާ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

ހެއްވާ މަޖާ ކަންތައްތަކެއް މި ޓްރެއިލާ އިން ފެނިގެންދިޔައިރު މި ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ. އެއާއެކު މި ފިލްމުވެގެންދާނީ އިއްލެ މިއަހަރު ސިނަމާއަށް ގެނެސްދޭ ދެވަނަ ފިލްމަށެވެ. އޭނާ މިއަހަރު ނެރުނު ފުރަތަމަ ފީޗާ ފިލްމު "ނީނާ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ބޮޑު ކާސްޓަކާއެކު ގެނެސްދޭ "ފްރީ ޑެލިވަރީ" ގައި ހަރަކާތްތެރިވާނެ ތަރިންނަކީ ރައުފަތު ސޯދިގު، އައިޝާ، ވާޝިޔާ މުހައްމަދު، ޝާރިފު އަހުމަދު، އިފްނާޒް ފިރާގު އާއި އޭނަގެ އަންހެނުން ތާތި، މަރިޔަމް ވަހީދާ (ޔަމް) އަދި އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)އެވެ. މިތަރިންގެ އިތުރުން މި ފިލްމުން އާ މޫނުތަކެއް ވެސް ތައާރަފްވެގެންދާނެއެވެ.

މި ފިލްމުވެގެންދާނީ އިއްލެގެ ތިން ވަނަ ފީޗާ ފިލްމަށެވެ. ކޮވިޑް19 ގެ ސަބަބުން އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު މިއަހަރު ފެބްރުއަރީގައި އޮލިމްޕަސް ހުޅުވާލުމާއެކު ފުލުފުލުގައި އެތަނުގައި އަންނަނީ ފިލްމުތައް ދައްކަމުންނެވެ. މިއަހަރު އެއްކޮށް އޮލިމްޕަސް ބުކްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް 6 ފިލްމެއް އޮލިމްޕަހުގައި ދައްކައިފިއެވެ. އެއީ "ބީވީމާ"، "ވަނާޖުބޭސާ"، "ލޯބިވެވިއްޖެ"، "ކައުޝީ"، "ނީނާ" އަދި "ޖޯކަރު" އެވެ. ފިލްމު "ޖޯކަރު" މި މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދައްކާނެއެވެ. އަންނަ މަހު ނިއުމާ މުހައްމަދުގެ "ކަޅަކި" އޮލިމްޕަހަށް އަންނައިރު ނޮވެމްބަރު މަހު "ފްރީ ޑެލިވަރީ" އޮލިމްޕަހަށް އަންނާނެއެވެ. އަހަރު ނިމިގެންދާނީ ޑިސެމްބަރުގައި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފީޗާ ފިލްމު "ނޮވެމްބާ" އެޅުވުމަށްފަހުއެވެ.