ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ވުމަކީ ނާދިރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މި ވަގުތު އެމްޑީޕީގެ އާންމު މެންބަރުން ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން ކަމަށް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު, ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ދަ ޑިމޮކްރަޓްސްއިން ވަނީ ގޮވާލާފައެވެ.

ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިލްޔާސްގެ އިތުރުން އޭނާގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ 3 ދައުރުން ސާފުވާ ކަމަށެވެ. އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިހާބެއްގެ ފުރަތަމަ ބުރާއި 2 ވަނަ ބުރާ ދޭތެރޭގައި ލިބޭ ވަގުތު ކަމަށް އަމްރު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި ނިޒާމާ ގުޅޭ ވޯޓަކަށް އަހާނީ މި މަހު 25 ގައެވެ. އަދި ދެވަނަ ބުރުގެ ވޯޓު ކުރިން ވެސް ތާވަލުކޮށްފައި އޮތް ގޮތަށް 30 ގައި ބާއްވާނެއެވެ. އަދި 25 ގައި ނަގާ ވޯޓުގައި ނިޒާމް ބަދަލުކުރަން ރައްޔިތުން ވޯޓު ދީފި ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ނިޒާމު ބަދަލު ކުރާ ފޯމިއުލާ ނަޝީދާއި ޑިމޮކްރެޓުން ގެނެސްފައި ވާއިރު 2 ވަނަ ބުރައި ރައީސް ސޯލިހަށް ކާމިޔާބު ވުމަކީ މިހާރު ފެންނަން ހުރި އަދަދުތަކަށް ބަލާއިރު ދުރު ކަމެކެވެ. އެހެން ކަމުން ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ނަޝީދަށް ދޭން ނުރަސްމީ މަޝްވަރާތައް ހިނގަމުން ދާކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު ރައީސް ސޯލިހު އަދިވެސް މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނަ ބައިވެރިވާނެ އިތުރު ލީޑަރުންނާއި ޕާޓީތައް ލިބޭތޯއެވެ. ނަމަވެސް ފުރަތަމަ ބުރުގައި އޮތް ކޯލިޝަނުގެ އިތުރަށް އެއްވެސް ޕާޓީއަކުން އަދި ސޯލިހާ ބައިވެރިއެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ 101،635 ވޯޓުން ކުރި ހޯއްދަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން 46.06 ޕަސެންޓެވެ. މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ 86،161 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާއިރު، އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.